ދުންފަތުގެ އިސްތިޢުމާލުކުރުމާ ގުޅޭގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ މެދު އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުންދާ ޚިޔާލުތަކަށް ރައްދު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ވިދާޅުވެފައިވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އެޅޭ ފިޔަވަޅުތަކަކީ ދިވެހި ރައްޔިތުންގެ ދުޅަހެޔޮ ސިއްޙަތަށް އަމާޒުކޮށްގެން އެޅޭ ފިޔަވަޅުތަކެއް ކަމަށެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މެންބަރު އަސަދުﷲ ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލުކުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އެޅިފައިވާ ފިޔަވަޅުތަކެއް ކަމަށެވެ. އޭގެ ތެރޭގައި ވޭޕް މަނާކުރުމާއި، ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.
އަސަދުﷲ ވިދާޅުވީ، މިފަދަ ފިޔަވަޅުތައް އެޅުމުގެ މަޤްޞަދަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރި ސިއްޙީ މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު ކުޑަކުރުން ކަމަށެވެ. އަދި މިއީ ހަމައެކަނި ދިވެހިރާއްޖެއަށް ޚާއްޞަ ފިޔަވަޅުތަކެއް ނޫން ކަމަށާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް މިފަދަ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރެއްވިއެވެ.
މެންބަރު ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ޒަރޫރީ ބޭނުމެއް ނޫން ކަމަށާއި، އެއީ އެދުމެއްގެ ގޮތުގައި ދެކެވޭ ކަމެއް ކަމަށެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ވަރަށް ބޮޑު އަދަދެއްގެ ފައިސާ ހޭދަކުރަންޖެހޭ ކަމަށާއި، އެ ފައިސާ އެހެން ބޭނުންތެރި ކަންކަމަށް ބޭނުންކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.
އަސަދުﷲ ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލުކުރުމަކީ އެޑިކްޝަނެއްގެ ގޮތުގައި ދެކެވޭ ކަމެއް ކަމަށާއި، އެފަދަ ކަމަކަށް ތަރުހީބުދީގެން ނުވާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މި މައްސަލައާ މެދު ޒިންމާދާރު ގޮތެއްގައި ވާހަކަދެއްކުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

