ދިރާގުން ރޯދަ މަހަށް ޚާއްސަކޮށް ”ރޯދަ ރެޑީ“ އޮފާ ހުޅުވާލައި، އެ އޮފާގެ ދަށުން ހަތަރު މީހަކަށް އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިރާގުން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮމޯޝަން އަންނަ ފެބްރުއަރީ 28، ގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެގޮތުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ލިމިޓެއް ނެތް 30-އެމް، ނުވަތަ އެއަށްވުރެ މަތީ ޕްލޭނޭއް ނަގައިގެން، ލިމިޓެއް ނެތް 30-އެމް ގެ ޕްލޭނަކަށް އަޕްގްރޭޑް ކޮށްގެން، އަދި ޕްރޮމޯޝަންގެ މުއްދަތުގައި ލިމިޓެއް ނެތް 30-އެމް ޕްލޭން ޑައުންގްރޭޑް ނުކުރާ ހުރިހާ ކަސްޓަމަރުންނަށެވެ.
ރޯދަ ރެޑީ ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ޕްރިޕެއިޑް، ޕޯސްޕެއިޑް އަދި ފައިބާއަށް ސަބްސްކްރައިބް ކުރާ މީހުންގެ ތެރެއިން ހޮވޭ 10 ކަސްޓަމަރަކަށްވެސް ޚާއްސަ އޮފާތަކެއް ހިމެނެއެވެ. އެގޮތުން ދިރާގުން ފުރުސަތު ދޭ ފިހާރައަކުން މިނެޓެއް ތެރޭގައި ބޭނުން އެއްޗެއް ގަތުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބިގެންދާނެއެވެ. އެ ޕްރޮމޯޝަންގެ ދަށުން ފިހާރައިން ތަކެތި ގަނެވޭނީ 4،000ރ. އާ ހަމައަށެވެ.
ދިރާގުން މައުލޫމާތު ދޭ ގޮތުގައި ޕްރޮމޯޝަނުން ހޮވޭ ހަތަރު ނަސީބުވެރިންނަށް އުމްރާގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ލިބޭނީ އަންނަ ޖުލައި 22، އިން އޮގަސްޓް 6، ގެ ނިޔަލަށެވެ.
ދިރާގުން ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް މިފަދަ ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ.

