އެސްޓޯނިއާގެ ރައީސަށް ލަފާ އަރުވާ އެޤައުމުގެ ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލާއެކު ރައުންޑްޓޭބަލް މަޝްވަރާތަކުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދަވާފައި ވަނީ، ރައީސް އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެންނެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެންބަރުންނާއި، ޓެކްނޮލޮޖީގެ ދާއިރާގެ މަންދޫބުން ވަނީ ޑިޖިޓަލް ވެށްޓަކަށް އެސްޓޯނިއާއިން ކުރި ފާހަގަކޮށްލެވޭ ދަތުރާ ބެހޭ މަޢުލޫމާތު ހޯއްދަވައި، އެމަސައްކަތްތައް ބައްލަވައިލައްވާފައެވެ.
ރައުންޑްޓޭބަލް މަޝްވަރާތަކުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ރާއްޖެއަކަށް ދިވެހިރާއްޖެ ހެއްދެވުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ޙިއްޞާކުރެއްވިއެވެ. ޑިޖިޓަލް ރާއްޖޭގެ ތަޞައްވުރަކީ، އެންމެންނަށްވެސް ބޭނުންހިފެނިވި، ދެމެހެއްޓެނިވި އަދި ވިލުންވެރި ތަޞައްވުރެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ޢަމާޒަކީ އެންމެ ފުރަތަމަ އިޚްތިޔާރަކަށް ޑިޖިޓަލް ޓެކްނޮލޮޖީ ޚިޔާރު ކުރައްވާ ސަރުކާރެއް ބިނާކުރެއްވުން ކަމަށާ، މިފަދައިން ކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ސަމާލުކަންދެނިވި މޭރުމަކުން ކަމުގައިވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެއާއެކު ކޮންމެ ދިވެއްސަކީ، އެ މީހަކު އެ އިރެއްގައި ހުރި ތަނެއް އިސްތިސްނާވުމެއް ނެތި، ޓެކްނޮލޮޖީގެ ތެރެއިން ބާރުވެރި ކުރެވިފައިވާ ރައްޔިތަކަށް ހެދުން ކަމުގައި ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެސްޓޮނިއާގެ ރައީސް، ޑޮކްޓަރ އަލާރް ކަރިސް ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ކުރިއެރުންތައް ހޯދުމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވައި، އީޖާދުތަކަށް މަގުފަހިކުރުމުގެ މޭރުމުން ދިވެހިރާއްޖެއާއި އެސްޓޯނިއާގެ ގުޅުން ބަދަހިކުރުމަށް ހިތްވަރުދެއްވިއެވެ. އަދި މިހާރަށްވުރެ ކުރިއަރާފައިވާ އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް އެންމެން ގުޅިގެން އީޖާދީ ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެސްޓޯނިއާގެ ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލްގެ މެންބަރުން ވަނީ އުމްރާނީ ވަޞީލަތްތައް ބިނާކުރުމަށާއި ޑިޖިޓަލް ތަރައްޤީގެ މުހިންމު ދާއިރާތައް ކުރިއެރުވުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު އަދާކުރެވިދާނެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި އީޖާދުތަކަށް މަގުފަހިކުރުމަށް ސްޓެމް އެޑިއުކޭޝަނާއި ލޮޖިކަލް ތިންކިންގ އަކީ ޅަ ޢުމުރުން ފެށިގެންވެސް އުނގަންނައިދިނުން މުހިންމު ކަންތައްތަކެއްކަން ވެސް އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
އަދި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރަށް އެއްބާރުލުން ދެއްވުމުގެ ގޮތުން އެފަރާތްތަކުގެ ތަޖުރިބާ ޙިއްސާކޮށްދެއްވާ، ޚިދުމަތްތައް އަލުން ފަރުމާކުރުމާއެކު އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ޝައުގުވެރިކަން، ކައުންސިލުގެ މެންބަރުން ފާޅުކުރެއްވިއެވެ.
އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލާއެކު މިއަދު ކުރިއަށް ގެންދެވި މަޝްވަރާތައް ޢަމާޒު ކުރެއްވީ ދިވެހިރާއްޖޭގެ އަދުގެ ޙާލަތު ދެނެގަތުމާއެކު، ޑިޖިޓަލް ތަރައްޤީގެ ރޮނގުން ދިވެހިރާއްޖެއަށް އެންމެ ބޭނުންރެރި ދާއިރާތަކާއި އިސްތިރާޖުތައް ދެނެގަތުމުގެ މައްޗަށެވެ.
އެސްޓޯނިއާގެ ރައީސަށް ލަފާ އަރުވާ އެޤައުމުގެ ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލާާކު ރައުންޑްޓޭބަލް މަޝްވަރާތައް ކުރިއަށް ގެންދެވީ އެސްޓޯނިއާގެ ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާރޓް މިއުޒިއަމްގައެވެ. މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާރޓް މިއުޒިއަމް ބައްލަވައިލައްވާފައެވެ. ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާރޓް މިއުޒިއަމްގެ ކަލެކްޝަނާއި ފަންނުވެރި މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވީ އެސްޓޯނިއާގެ އައިޓީ ވިޝަންރީ މިސްޓަރ ލިއްނާރް ވީކްއެވެ.
މީގެ އިތުރުން މި ދަތުރުގެ ތެރެއިން ރައީސް ވަނީ އެސްޓޯނިއާގެ މިނިސްޓަރ އޮފް ހެލްތު، ރީނާ ސިކުޓް އާއިވެސް ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން މައިގަނޑު ގޮތެއްގައި އަމާޒުކުރެވުނީ އެސްޓޯނިއާއިން ޑިޖިޓަލައިޒޭޝަންގެ ތެރެއިން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު އެކިއެކި މަޢުލޫމާތާއި ޢިލްމު ހިއްސާކުރެއްވުމަށެވެ. އެ ގޮތުން އެސްޓޯނިއާގެ ހެލްތު މިނިސްޓަރ ވަނީ އެ ބަދަލުގެ ތެރެއިން އެ ޤައުމުގެ ރައްޔިތުންނަށް ލިބެމުންދާ މުހިންމު ފައިދާތަކުގެ ތެރޭގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޚިދުމަތް ހޯދުމަށް ފަސޭހަވެފައިވާއިރު، އެކަމުގެ ސަބަބުން ޞިއްޙީ ދާއިރާގެ އެކިއެކި ގޮންޖެހުންތަކާއި އެކަންކަމަށް ހޯދެމުންދާ ހައްލުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެސްޓޯނިއާގެ ތަޖުރިބާއާއި ތަންފީޒުކޮށްފައިވާ ކާމިޔާބު އުކުޅުތަކުން ޢިބްރަތް ޙާޞިލުކުރައްވައި، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމު ހަރުދަނާކުރެއްވުމުގެ ޝައުގުވެރިކަން އެ މަނިކުފާނު ފާޅުކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި، ވަކިވަކިން ދުރުގައި ހުންނަ ރަށްތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި، އެއް ހަމައެއްގައި މަތީ ފެންވަރުގައި ޞިއްޙީ ޚިދުމަތް ދިނުމަށް ހުރި ފަރަގުތައް ޑިޖިޓަލައިޒޭޝަންގެ ތެރެއިން ނައްތާލެވޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ އެސްޓޯނިއާއާއި ދިވެހިރާއްޖެއިން ޞިއްޙީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ އުންމީދު އާކުރައްވަމުންނެވެ.

