ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިލެކްޝަންސް ކޮމިޝަނަށް (އީސީ) ސައްހަނޫން ފޯމުތަކެއް ހުށަހެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކުރި ފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ބެލުމަށް، ހޯމް މިނިސްޓަރު އަލީ އިހުސާނާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ. މީކާއިލް އިހުސާނަށް ފޮނުވި ނޯޓިސްގައި، ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާބޭސް ބޭނުންކޮށްގެން މީހުންގެ ޝަޚްޞު އޮޅުވާލައި، ޕީއެންސީއަށް މެންބަރޝިޕް ފޯމު ފުރާފައިވާކަން ހާމަވެފައިވާތީ، މީހުންގެ ޒާތީ މަޢުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް އަޅުއްވާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލުކޮށްފައިވެއެވެ. އަދި ސައްހަނޫން ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މިނިސްޓްރީގެ އިސްވެރިންނާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައިވޭތޯވެސް ސުވާލުކޮށްފައިވެއެވެ.
ޕީއެންސީއިން ކުރިއަށް ގެންދިޔަ މެންބަރޝިޕް ޑްރައިވްއަށްފަހު، އީސީއަށް ހުށަހެޅި ފޯމުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާވެސް ޕީއެންސީއަށް ވެއްދުމަށް ފޯމު ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.
މި މައްސަލައާ ގުޅިގެން ޕީއެންސީއިންވެސް ނޫސްބަޔާނެއް ނެރެފައިވެއެވެ. އެ ބަޔާނުގައި ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ޤާބިލުކަން ޕާޓީގައި ނެތްކަމަށާއި، ސައްހަނޫން ފޯމުތަކުގެ މައްސަލަ ބަލަމުންދާކަމަށް ބަޔާންކޮށްފައިވެއެވެ.


One Response
ގޯއްޗާ ފުލެޓް ހޯދަން ވަގުފޯމުގާ ސޮއިކުރި މީހުންނައް ވެސް ފިޔަވަޅު އަޅަންވާނެ .