ދިވެހިރާއްޖޭގައި އިންސާނީ ވަގުފާރީގެ ޢަމަލުތައް ހުއްޓުވުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ފާހަގަކޮށްފިއެވެ.
2024 ވަނަ އަހަރުގެ ”ޓްރެފިކިންގ އިން ޕަރސަންސް“ ރިޕޯޓުގައި، އިންސާނީ ވަގުފާރި ހުއްޓުވުމަށް ދިވެހިރާއްޖެއިން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ހުށަހަޅާފައިވެއެވެ. މި ރިޕޯޓުގައި، ދިވެހިރާއްޖެއިން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅނާ ގުޅޭ ގަވާއިދުތައް އިޞްލާޙުކުރުމާއި، ވަޒީފާދޭ ފަރާތްތައް ރަޖިސްޓަރީކުރުން މަޖުބޫރުކުރުން، އަދި ވަކި ޙާލަތްތަކުގައި މަސައްކަތްތެރިންނަށް ވަޒީފާދޭ ފަރާތް ބަދަލުކުރުމުގެ ފުރުޞަތު ދިނުން ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ.
އެހެންނަމަވެސް، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެންމެ ފަހުގެ ރިޕޯޓިންގ މުއްދަތާ އަޅާބަލާއިރު، މާބޮޑު ކުރިއެރުމެއް ލިބިފައިނުވާކަމާއި، އިންސާނީ ވަގުފާރީގެ މައްސަލަތަކުގައި އެއްވެސް ފަރާތަކަށް ދަޢުވާކުރެވި އަދަބު ދެވިފައިނުވާކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފައިވާ މީހުން ދެނެގަތުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި މައްސަލަތަކަށް ޙައްލު ހޯދުމަށްޓަކައި، ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އަންނަނިވި ކަންކަމަށް އިރުޝާދު ދީފައެވެ:
1. އިންސާނީ ވަގުފާރީގެ މައްސަލަތައް ތަޙުޤީޤުކުރުމާއި ދަޢުވާކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުން.
2. ކުށް ސާބިތުވާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ދިނުން، ޚާއްޞަކޮށް ޖަލު ޙުކުމް ކަނޑައެޅުން.
3. އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ހަރުދަނާކުރުން.
4. ވަޒީފާ ހޯދައިދޭ އޭޖެންސީތަކުގެ މަސައްކަތްތައް ގާތުން ބެލުން.
5. އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަިންތިޒާމު ހަމަޖެއްސުން، މީގެ ތެރޭގައި ކައުންސެލިންގ އަދި ޞިއްޙީ ޚިދުމަތް ހިމެނޭގޮތަށް ޝެލްޓަރގެ ޚިދުމަތް ފޯރުކޮށްދިނުން.
6. ފަތުރުވެރިކަމުގެ ދާއިރާގައި އިންސާނީ ވަގުފާރީގެ މައްސަލަތައް މޮނިޓަރކުރުމަށް ވަސީލަތްތައް ޤާއިމުކުރުން.
7. ޤައުމީ ޢަމަލީ ޕްލޭނެއް އެކުލަވާލައި، އެކަމަށް ވަސީލަތްތައް ޚާއްޞަކުރުން.
8. ކަމާގުޅުންހުރި އޮފިޝަލުންނަށް އިންސާނީ ވަގުފާރި ހުއްޓުވުމާއި ބެހޭ ތަމްރީނު ޕްރޮގްރާމްތައް އިތުރުކުރުން. މީގެ ތެރޭގައި ފުލުހުން، ޕްރޮސިކިއުޓަރުން، ޤާޟީން، ލޭބަރ އިންސްޕެކްޓަރުން އަދި އިމިގްރޭޝަން އޮފިޝަލުން ހިމެނެއެވެ.
އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މި ކުށުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިވެ، ކުށްވެރިންނަށް އެކަށީގެންވާ އަދަބު ދިނުމަކީ ދިވެހި ދައުލަތުގެ އިސް އަމާޒަކަށް ވާންޖެހޭ ކަމެކެވެ. މިކަމަށް އެންމެހައި ފަރާތްތަކުން އެއްބާރުލުން ދިނުމަކީ މުހިންމު ކަމެކެވެ.

