އެންޓި-ކޮރަޕްޝަން ކޮމިޝަން (ޢޭސީސީ) އިން އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާންކޮށްފިއެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި މަޢުލޫމާތު ޢޭސީސީން މިއަދު ޢާންމުކޮށްފައިވެއެވެ.
ޢޭސީސީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގުޅުންހުރި ދާއިރާއަކުން މަދުވެގެން ލެވެލް 9 ގެ ތަޢުލީމީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ލެވެލް 7 ގެ ތަޢުލީމީ ސަނަދަކާއެކު 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
މި މަޤާމަށް ބޭނުންވާ ތަޖުރިބާ ގުނޭނީ ދައުލަތުގެ އިދާރާތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އަދި އަމިއްލަ ކުންފުނިތަކުގެ ވަޒީފާތަކުން ލިބިފައިވާ ތަޖުރިބާކަމަށް ޢޭސީސީން ބުނެފައިވެއެވެ. އަދި ސީނިއަރ މެނޭޖްމަންޓް ފެންވަރުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށާއި، ސިޔާސަތު ކަނޑައެޅުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުއްދަތަކީ 5 އަހަރުދުވަސްކަމަށް ޢޭސީސީން ހާމަކޮށްފައިވެއެވެ. މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ޢޭސީސީން އަންގާފައިވެއެވެ.

