ވަގަށް ކުރާ ކަންކަން ކުރަން އެންމެ ފަރިތަވާނީ އެމްޑީޕީ ކަމަށާއި އެއީ އެ ޕާޓީގެ އުފެދުމުގައިވެސް ހުރި ސިފައެއްކަމަށް އިގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މި ވާހަކަ ކުރިއަށް ދިޔައީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް 2 މެންބަރުން އައްޔަނުކުރުމަށްޓަކައި، ރައީސުލްޖުމްހުރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ތަޅުމަށް ފޮނުވި ކޮމެޓީ ރިޕޯޓުގެ ބަހުސް މަރުހަލާގައެވެ.
ފަލާހު ވިދާޅުވީ އީސީފަދަ ކޮމިޝަންތަކަށް އައްޔަނުކުރެވޭ ބޭފުޅުންނަކީ ވަރަށް ނަޒާހަތްތެރި ބަޔަކަށް ވާން ޖެހޭކަމަށެވެ. އީސީއަކީ ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވާ ކޮމިޝަނެއްކަމަށް ފަލާހު ވިދާޅުވިއެވެ. ޕީއެންސީއިންވެސް ބުރަ މަސައްކަތްތަކެއް ކޮށްގެން ޕާޓީއަށް 75،000 މެންބަރުން ހަމަކޮށްފައިވާކަމަށް ފާހަގަކުރައްވާ ފަލާހު ވިދާޅުވީ، މިކަން އިދިކޮޅަށް ހަޖަމް ނުވާކަމަށެވެ. އެހެންވެ އެކި ކަހަލަ ވާހަކަތައް ދައްކާ، މައްސަލަ ގަނޑުބަނޑު ކުރަމުންދާކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވާހަކަ ކުރިއަށް ގެންދެވިއިރު، އެމްޑީޕީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވާ ޕީއެންސީއަށް ވަގަށް މެންބަރުން ވައްދަމުންދާކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ މެންބަރުންނަށްވެސް އެގުމަކާއި ނުލާ ޕާޓީ ބަދަލުކުރަމުންދާކަމަށް ވިދާޅުވިއެވެ. އެއީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ގެ މައްސަލައެވެ.
ފަލާހު ވިދާޅުވީ މީގެ ކުރިންވެސް ޒިޔާދު ޕާޓީތަކަށް ވެއްދި މައްސަލަ ފެންމަތިވެފައިވާކަމަށެވެ. އެއީ މެންބަރަށްވެސް އެނގިގެން ރޭވިގެން ކުރާކަމެއްގެ ގޮތުގައި ފަލާހު ފާހަގަކުރެއްވިއެވެ. މި ޒަމާނަކީ އަމިއްލައަށް ގޮސް ފޯމު ހުށައަޅާ ޒަމާނެއް ނޫންކަމަށް ވިދާޅުވިއެވެ.
ކަމެއް އަމިއްލައަށް ކުރުމަށްޓަކައި މި ޒަމާނުގައި ކޮންމެހެން ފޯމެއް ފުރާފަ ގޮސް އެމީހާއެއް ނޫން ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަނީ. އެބޭފުޅާ އެކަން ކޮށްފާނެ މީހެއް މެދުވެރިކޮށްވެސް. އަޅުގަނޑަށް އެމްޑީޕީއަށް ވަދެވިދާނެ، މިސާލަކަށް މިތާގައި އިންނަވާ އެމްޑީޕީގެ މެންބަރަށް ލައްވާ ފޯމު ފުރާފަ، އޭނަ ލައްވާވެސް.
ފަލާހު ވިދާޅުވިއެވެ.
ވަގަށް ކުރާ ކަންތައްތައް ކުރުމަށް އެންމެ ފަރިތަކަމާއިއެކު ކުރަން ދަންނާނީ އެމްޑީޕީއިންކަމަށާއި، އެއީ އެ ޕާޓީގެ އުފެދުމުގައިވެސް ހުރި ސިފައެއްކަމަށް ފަލާހު ވިދާޅުވިއެވެ.
ޕީއެންސީއަށް މެންބަރުން ވެއްދުމުގައި އެއްވެސް އޮޅުވާލުމެއް އޮޅުވާލާފައި ނޯންނާނެކަމަށް 100 އިންސައްތަ ޔަގީންކަމާއިއެކު ދެނެވޭނެކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ މީގެ ކުރީގައިވެސް ޕާޓީތަކަށް މީހުން ވަގަށް ވައްދާފައި އެބަހުރިކަމަށެވެ. މިއީ އަލަށް ހިނގައިގެން އުޅޭކަމެއް ނޫންކަމަށް ފަލާހު ވިދާޅުވިއެވެ.

