ސައްހަ ނޫން ފޯމުތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށައަޅާ، މީހުން ވަގަށް ޕީއެންސީއަށް މީހުން ވެއްދި ކަމަށް ބުނާ މައްސަލަ ފުލުހަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެމްޑީޕީން ހުށަހަޅައިފިއެވެ.
އެމްޑީޕީއިން މި މައްސަލަ ހުށައެޅުއްވީ އޭގެ ތެރޭގައިވާ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށެވެ.
މި މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޕީޖީގައި ވެސް އެދިފައިވާ ކަމަށްވެސް އެމްޑީޕީއިން ބުނެފައިވެއެވެ.
އީސީއަށް ފޮނުވި ސިޓީއެއްގައި އެމްޑީޕީއިން ވަނީ ޕީއެންސީން ހުށަހެޅި އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި، ޕްރޮސެސް ކުރި ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ސައްހަކަން އަލުން ކަށަވަރުކުރުމަށް އެދިފައެވެ.
މި މައްސަލައިގައި ޕީއެންސީއިން ނެރުން ނޫސް ބަޔާނުގައި ބުނީ ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލުކަން ޕާޓީގައި ނެތްކަމަށާއި، ސައްހަ ނޫން ފޯމުތަމުގެ މައްސަލަ ބަލަމުންދާކަމަށެވެ.
ޕީއެންސީއިން ބުނީ އެ ޕާޓީން ހިންގި މެމްބަރޝިޕް ޑްރައިވްގައި އެތައް ހާސް ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު، މަދު އަދަދެއްގެ ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. މި މެމްބަރޝިޕް ޑްރައިވަކީ ރާއްޖޭގައި މިހާތަނަށް އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ސިޔާސީ ޕާޓީއަކަށް މެމްބަރުން ވަނުމަށް ފޯމު ހުށަހެޅުނު އެއް ހަރަކާތް ކަމަށްވެސް ޕީއެންސީން ބުނެފައިވެއެވެ.
ޕީއެންސީން އިތުރަށް ބުނެފައިވަނީ ޕާޓީގެ އިދާރީ މުވައްޒަފުން ބުރަކޮށް މަސައްކަތްކޮށް ޕާޓީގެ އިލެކްޝަންސް ޕޯޓަލް މެދުވެރިކޮށް އެ ފޯމުތައް އަޕްލޯޑު ކުރަމުން ދިޔަ ނަމަވެސް، ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލުކަން ޕާޓީގައި ނެތް ކަމަށެވެ. އަދި މިއީ ހަމައެކަނި ޕީއެންސީއަށް ދިމާވެފައިވާ ގޮންޖެހުމެއް ނޫން ކަމަށާއި، ރާއްޖޭގައި ވަސީލަތްތައް ހުރި ގޮތުން މިއީ ހުރިހާ ޕާޓީތަކަށްވެސް ދިމާވާ މައްސަލައެއް ކަމަށް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.
ޕީއެންސީން ބުނެފައިވަނީ މިހާތަނަށް އެކި ފަރާތްތަކުން ސައްހަ ނޫން ފޯމުތަކެއް ޕީއެންސީގެ ނަމުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ މުއައްސަސާއަށް ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ އެ ދެ މުއައްސަސާއިން ބަލަމުންދާ ކަމަށްވެސް ޕީއެންސީއަށް އަންގާފައިވާ ކަމަށް ބުނެފައިވެއެވެ.
ޕީއެންސީން ބުނެފައިވަނީ ސައްހަ ނޫން ފޯމުތަކެއްގެ ބޭނުންކޮށްގެން ޕާޓީއަށް މެންބަރުން އިތުރުކޮށް ރައްޔިތުންގެ ހައްގުތަކެއް ގެއްލޭފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ ޕީއެންސީގެ ރައީސް އަދި ލީޑަރޝިޕުން އެއްވެސް ވަރަކަށް ބަލައިގަންނަ ނުވަތަ ހިތްވަރުދޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށާއި، ސައްހަ ނޫން ފޯމެއް މެދުވެރިކޮށް ކޮންގްރެސް ޕާޓީއަށް ވެއްދުމުގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާނަމަ އެ ޕާޓީގެ ރަސްމީ އީ-މެއިލްއަށް މެއިލް ކުރުމަށް ޕާޓީން އެދިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޕީއެންސީން ބުނެފައިވަނީ ފޯމުތައް ހުށަހަޅާފައިވާ ގޮތް އެ ޕާޓީންވެސް ބަލަމުންދާ ކަމަށާއި، އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ މުއައްސަސާއަށް މައްސަލަ ބެލުމުގައި އެއްބާރުލުން ދޭނެ ކަމަށެވެ. އަދި މައްސަލަ ހައްލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ޕީއެންސީން ބުނެފައިވެއެވެ.

