ސަރުކާރުން ކުރާ ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި މެންބަރުން އެއްބާރުލުން ދިނުމަކީ ރަބަރ ސްޓޭމްޕް ޖެހުން ނޫންންކަމަށް ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް ވިދާޅުވެއްޖެއެވެ.
އަސަދުﷲ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރައްވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އަންގާ ގޮތަށްކަމަށް ބުނެ އަމާޒު ކުރާ ފާޑުކިޔުންތަކަށް ރައްދުދެއްވާ ސަންގު ޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
އަސަދުﷲ ވިދާޅުވީ އެއީ ރަނަގަޅު ވާހަކައެއް ނޫންކަމަށެވެ. މަސައްކަތްތައް ކުރެވެމުންދަނީ ޕާޓީ ނިޒާމެއްގެ ތެރެއިންކަމަށް ފާހަގަކުރައްވާ މެންބަރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އެބޭފުޅުން އިންތިހާބުވީ ޕީއެންސީގެ ޓިކެޓުގައިކަމަށެވެ.
ޕީއެންސީގެ ޕާލިމަންޓް ގުރޫޕަކީ ސަރުކާރު ދެމެހެއްޓުމާއި އަދި ސަރުކާރުން ވީ ވައުދުތައް ފުއްދުމަށްޓަކައި މަސައްކަތް ކުރަމުންދާ ޓީމެއްކަމަށް އަސަދުﷲ ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.
ދެން އޭގައި އަޅުގަނޑުމެންނަކީ ރަބަރ ސްޓޭމްޕް ޖަހާ ބައެއް ނޫންކަން ޕްރޫފް ކޮށްދޭން ވެގެން ސަރުކާރުން ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތްތަކަށް އަޅުގަނޑުމެން ދެކޮޅުވާންވީތޯ؟
އަސަދުﷲ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންނަކީ ރަބަރ ސްޓޭމްޕް ޖަހާ ބައެއް ނޫންކަން ސާބިތުކޮށްދިނުމަށްޓަކައި ރައްޔިތުންގެ ހައްގުގައި ސަރުކާރުން ކުރާ މަސައްކަތަކާއި ދެކޮޅުވާންވީތޯ އަސަދުﷲ ސުވާލު އުފެއްދެވިއެވެ. ރައްޔިތުން މެންބަރުންނާއި މަތި ކުރެއްވި ޒިންމާއަކީ އެއީތޯވެސް އަސަދުﷲ ސުވާލުއުފެއްދެވިއެވެ.
އަސަދުﷲ ވިދާޅުވީ އޭނާގެ ދާއިިރާގެ މެންބަރުން އޭނާއަށް ވޯޓުދިނީ، ސަރުކާރުން ދާއިރާގެ ރައްޔިތުންނަށާއި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުންކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ފައިވާނެހެން މަޖިލީހަށް ހުށައަޅާ ބިލްތައް ފާސްކުރުމަކީ މެންބަރުންގެ ޒިންމާއެއްކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަސަދުﷲ ވިދާޅުވީ ރައްޔިތުންނާއި ގުޅުން ހުރި މައްސަލައެއްގައި، މަޖިލީހުގެ މެންބަރުން ބޭނުންކޮށްގެން ސަރުކާރުން އަދި މިހާތަނަށް ރައްޔިތުންނާއި ދެކޮޅު މަސައްކަތެއް ކޮށްފައިނުވާކަމަށެވެ.

