ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އާންމު ހުރިހާ ހިދުމަތެއް 100 އިންސައްތަ ޑިޖިޓަލައިޒްކުރަން ބޭނުން: ރައީސް

އެސްޓޯނިއާގެ މިނިސްޓަރ އޮފް ކްލައިމެޓް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އާންމު ހިދުމަތްތައް 100 އިންސައްތަ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

އެސްޓޯނިއާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ މުއިއްޒުވަނީ އެ ގައުމާއިއެކު ރާއްޖޭގެ ޑިޖިޓަލް މަސައްކަތްތައް ކުރިއެރުވުމުގެ ގޮތުން އެމްއޯޔޫއެއްގައި ސޮއިކުރެވިފައިވާކަން ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ، ރާއްޖޭގައި އާންމު ހުރިހާ ހިދުމަތެއް 100 އިންސައްތަ ޑިޖިޓަލައިޒް ކުރުމަށް އެދިވަޑައިގަންނަވާކަމަށާއި އެސްޓޯނިއާއިންވަނީ އެކަން ހާސިލުކޮށްފައިކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި އެތައް ޒަމާނެއްގެ މަތިން ކަރުދާހަށް ތިރިކޮށްގެން ބަލަހައްޓަމުން އައިސްފަިއވާ އާކައިވްގެ މަސައްކަތްތައްވެސް އެއްކޮށް ޑިޖިޓަލް މަސައްކަތްތަކެއްގެ ގޮތުގައި ބަދަލުކުރައްވަން އެދިވަޑައިގަންނަވާކަމަށާއި ޑިޖިޓަލް ދާއިރާއިން ރާއްޖޭގެ އިގްތިސާދު ފުޅާކުރެއްވުމަކީވެސް ކަނޑައަޅާފައިވާ އަމާޒެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، 2030 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީތައް ގެންނަމުންގޮސް އެންމެ މަދުވެގެން ޖީޑީޕީގެ 15 އިންސައްތަ ޑިޖިޓަލް އިކޮނޮމީއިން ހިއްސާކުރުމަށްވެސް ސަރުކާރުންވާނީ ކަނޑައަޅާފައިކަމަށެވެ.

ރައީސް ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ ތަރައްގީތައް ރާއްޖެއިން ބަލައިގަންނަން ޖެހޭކަމަށް ގަބޫލުކުރައްވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ހަގީގަތާއި ދެކޮޅަށް މަސައްކަތްނުކުރެވޭކަމަށާއި ކުރިމަގުގައި އާޓިފިޝަލް އިންޓެލިޖެންސަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއްކަމަށެވެ. އެހެންކަމުން އޭއައި މާސްޓާރޕްލޭނެއް ހެދި ރާއްޖޭގެ ތަރައްގީގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެކަން ހަގީގަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެކަމަށާއި މި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި މިގޮތުން ކުރެވިފައިވާ މަސައްކަތްތަކާއި ރާވާފައިވާ މަސައްކަތްތަކަށްވެސް ބައްލަވާލެއްވިކަމަށެވެ. ރައީސް ވިދާޅުވީ، ކަންކަން ރޭވިފައި އޮތީވެސް ވަރަށް ރަނގަޅަށްކަމަށާއި މިއީ ކާމިޔާބު ދަތުރެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަބަބަކީ މިދާއިރާއިން އެންމެ ކުރިއަރައިގެން ގޮސްފައިވާ ގައުމަށް ޒިޔާރަތްކުރެއްވުމަށް ފުރުސަތު ލިބި އެ މީހުން މަސައްކަތްތައް ކުރަމުންދާ ގޮތް އެނގިގެން ދިއުމުގެ އިތުރުން އެ ގައުމުގެ އެހީތެރިކަން ލިބިގެންދާނެކަމަށް ބުނެފައިވުންކަމަށެވެ.

ރައީސް ވިދާޅުވީ، އެކަމަކީ އެމަނިިކުފާނު އެދިވަޑައިގަންނަވާ މިސްރާބުން ގައުމު ކުރިއަށް ގެންގޮސް ތަރައްގީ ކުރުމުގައި ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި މި އަހަރުގެ ތެރޭގައި މަސައްކަތްތައް ފައްޓަވައިގެން ކުރިއަށް އޮތް ދެތިން އަަހަރުގެ ތެރޭގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން ތައުލީމީ ދާއިރާއިންނާއި ސިއްހީ ދާއިރާ އަދި އެހެނިހެން ދާއިރާއިން ލިބިގެންދާ ހިދުމަތްތައް އެއްކޮށް ޑިޖިޓަލައިޒް ކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ، މިކަމުގައި ދިވެހި ރައްޔިތުންގެ އެއްބާރުލުން ލިބިގެންދާނެކަން ޔަގީންވެވަޑައިގަންނަވާކަމަށާއި ހަގީގަތުގައި މި މަސައްކަތްތަކުގައި އެމަނިކުފާނަށް އެންމެ މުހިންމުވަނީ އެކަންކަމަށް ފާހަގަކުރެއްވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެންމެ މުހިންމުވަނީ ރައްޔިތުންގެ އިތުރުން ސަރުކާރުގެ މުއައްޒަފުންގެ އެއްބާރުލުން ލިބިގެންދިއުންކަމަށާއި ބަދަލެއް އަންނައިރު އެކަމަކާއި ދެކޮޅަށް ބާރުތަކެއް އެޅިގެންދިއުމަކީ ގުދުރަތީގޮތުންވެސް އެކަން އޮންނަ ގޮތްކަމަށެވެ. ނަމަވެސް މިއީ ރަނގަޅު ބަދަލެއްކަމަށްވުމުން އެންމެ ކާމިޔާބު މަގަކަށް ވެގެންދާނީ އެކަން ބަލައިގަތުންކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން ދޭ ހުރިހާ އާންމު ހިދުމަތްތަކެއް އެއްކޮށް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްތައް ހާސިލުކުރެވިގެންދާނެކަމަށޭވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: