ރާއްޖެއަށް އަވަށްޓެރި ގައުމުތަކަށް ވަރަށް މުހިންމުކަމަށާއި އެކަމަށް ބަދަލުތަކެއް ނާންނާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސްވަނީ ރާއްޖޭގެ ހާރިޖީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެގޮތުން އަވަށްޓެރި ގައުމުތައް ވަރަށް މުހިންމުވާނެކަމާށާއި އެއީ ބަދަލުނުވާނެ ހަގީގަތެއްކަމަށް ހިއްސާކުރެއްވިއެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ އެންމެ ގާތް ރަހުމަތްތެރިންނަކީ އަވަށްޓެރިންކަމަށާއި ނަމަވެސް އެކަން އެގޮތަށް އޮވެ ދިވެހިންނަށް އެންމެ ފައިދާވާ ހުރިހާ މަގެއް ފަހިކުރަންޖެހޭކަމަށް ގަބޫލުކުރައްވާކަން ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ހާރިޖީ ސިޔާސަތުތަކުގެ ވާހަކަތައް ދައްކަވަމުންދަނީ އަބަދުވެސް އެއްގޮތަކަށް ކަމަށާއި ދިވެހިންނަށް އިސްކަން ލިބި ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރެވޭނަމަ އަދި ރައްކައުތެރިކަން ޔަގީންކުރެވޭކަމަށްވާނަމަ ފައިދާވާ ހުރިހާ މަގުތަކެއް ބައްލަވަން އެދިވަޑައިގަންނަވާކަމަށެވެ. އަދި އެކަމަށް އެހީތެރިކަން ލިބޭނަމަ ރައްޔިތުންނާއި ގައުމުގެ ތަރައްގީއަށް ފަހިވާގޮތަށް އެހީތެރިކަން ދޭ ގައުމުތަކާއިއެކު ރާއްޖޭގެ މިނިވަންކަން ދެމެެހެއްޓިގެންދާ ގޮތަށް ކުރިއަށް ދެވޭ ނަމަ އެ ގައުމަކާއިއެކު ގާތް ގުޅުންތަކެއް ބޭއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މެނިފެސްޓޯއެއް އިއުލާނުކޮށް ތަރައްގީގެ ތަަސައްވުރު ހާމަކުރައްވާފައިވާނެކަމަށާއި ރައްޔިތުންވަނީ އެކަންކަން ބަލައިގަނެ އިތުބާރު ކުރައްވާފައިކަމަށެވެ. އެހެންކަމުން އެކަންކަން ހާސިލުކުރެވޭނެ މަގުތައް މި ފަސް އަހަރުގެ ތެރޭގައި ހޯދައިގެން އެ މަސައްކަތްތަކާއިއެކު ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ދަތުރުގައި ވަޑައިގަތުމަށް ނިންމެވީވެސް އެ ސަބަބާއި ގުޅިގެންކަމަށާއި އެސްޓޯނިއާގެ ރައީސްގެ ދައުވަތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށެވެ.

