އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް (އޯސީޕީޕީ) އިން ފަންޑުކޮށްގެން ކުރިއަށްގެންދާ އޮއިލް ސްޕިލް އިމަޖެންސީ ރެސްޕޮންސް ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފިއެވެ.
ޖަނަވަރީ 5 އިން 16 އަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާހެން އެމްއެންޑީއެފް ކޯސްޓްގާޑުގެ 17 ސެއިލަރުންނާއި، ސްރީލަންކާ ކޯސްޓްގާޑުގެ 10 އޮފިސަރުންނާއި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ތިން މުވައްޒަފުންނާއި، އެންވަޔަރަމަންޓް މިނިސްޓްރީން ދެ މުވައްޒަފަކު ބައިވެރިވިއެވެ.
އެމްއެންޑީއެފްގެ މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސްގެ ޤާބިލުކަން އިތުރަށް ފުޅާކުރުމަށް މަގުފަހިކޮށްދޭ މި ޕްރޮގްރާމަކީ ޔޫކޭ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަމަންޓް، ފުޑް އެންޑް ރޫރަލް އެފެއަރޒް، އަދި ދިވެހިރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން ލެވެލް 1، 2، 3 އާއި، އިންސިޑެންޓް ކޮމާންޑް ސިސްޓަމް 100، 200، 300 އާއި، އޭރިއަލް ސަރވައިލަންސްއާއި، ޝޯރލައިން ކްލީންއަޕް އެސެސްމަންޓް ޓެކްނިކުގެ ބައިތައް ވަނީ ކިޔައިދީފައެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑައިރެކްޓަރ، އަލްފާޟިލް އިބްރާހީމް ނަޢީމްއާއި، ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމްގެ އިތުރުން ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ރިޒްމީ ވަލީދު ވެސް ބައިވެރިވެވަޑައިގަތެވެ.

