މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން އެންޑޯޒްކޮށްގެން އިންޑިއާގެ ގުރްގާއޯންގް އެމްބިއަންސް މޯލްގައި ޕިކްޔޯޓްރޭލްއިން މޯލްޑިވްސް ކާނިވަލް 2025، ’މޯލްޑިވްސް މަހާއުސްތަވް ބާއްވައިފިއެވެ.
މި ހަރަކާތް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ އިންޑިޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރު އައިޝަތު އަޒީމާއެވެ. ޕިކްޔޯޓްރޭލްއިން ފެށި މި ދެ ދުވަހުގެ ހަރަކާތުގައި އިންޓަރެކްޓިވް ހަރަކާތްތަކާއި އިމަރސިވް ތަޖުރިބާތައް ބޭނުންކޮށްގެން ރާއްޖޭގެ ރީތިކަމާއި ރާއްޖެއިން އިންޑިއާގެ ފަތުރުވެރިންނަށް ލިބެންހުރި ތަފާތު ތަޖުރިބާތައް ދައްކާލިއެވެ.
މޯލްޑިވްސް ކާނިވަލް 2025 ގައި 17 ރިސޯޓެއް ބައިވެރިވެފައި ވެއެވެ. މި ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޕްރީމިއަމް ރިސޯޓް އޮފާތަކާއި ރާއްޖޭ އެކިއެކި ރަށްތަކުގެ މައުލޫމާތުތައް ދީފައޮ ވެއެވެ. ކޮންމެ ސްޓޯލްއެއްގައި ވެސް ޚާއްސަ ޕިކްޔޯޓްރެއިލްގެ މަންދޫބުން ތިބެ، ޕާސަނަލައިޒްޑް މައުލޫމާތު ފޯރުކޮށްދިނުމާއި، ބައިވެރިންނާ ގުޅިގެން ދަތުރުފަތުރުގެ ލަފާ ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ބްރޭންޑް އިތުރަށް އާލާކުރުމަށް ފަރުމާކޮށްފައިވާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައްވެސް މި ކާނިވަލުން ލިބިގެން ގޮސްފައި ވެއެވެ.
މިއީ އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި ލަގްޒަރީ ތަޖުރިބާތައް ދައްކުވައިދޭ ހަރަކާތެކެވެ. ޕިކްޔޯޓްރޭލްގެ މި އިސްނެގުމަކީ ރާއްޖޭގެ ރިސޯޓްތަކުން އެބޭފުޅުންގެ ހާއްސަ ހުށަހެޅުންތައް އިންޑިއާގެ މާކެޓަށް ދައްކާލުމަށް މުހިންމު ޕްލެޓްފޯމެއް ލިބި، ޓްރެވަލް ސްޓޭކްހޯލްޑަރުންނާއި ގަންނަން ބޭނުންވާ ފަރާތްތަކާ ދެމެދު ވަރުގަދަ ގުޅުންތަކެއް ބަދަހިކުރުމަށް އެހީވެދިން ހަރަކާތެކެވެ.
ޕިކްޔޯޓްރެއިލްއަކީ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ތާވަލުތަކަށް ހާއްސަ ދަތުރުފަތުރާއި ޓެކްނޮލޮޖީގެ ޕްލެޓްފޯމެކެވެ. 2014 ވަނަ އަހަރު އުފެއްދުނު މި ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ދަތުރުގެ ކޮންމެ ބައެއްވެސް އަމިއްލައަށް ފަރުމާކުރުމުގެ ފުރުސަތު ދެއެވެ. މީގެ ތެރޭގައި ވައިގެ ދަތުރުތަކާއި، ހުރުމުގެ އިންތިޒާމުތަކާއި، ހަރަކާތްތަކާއި އަދި ތަޖުރިބާތައް ހިމެނެއެވެ.
މި ޕްލެޓްފޯމުން އަމާޒު ހިފަނީ ރާއްޖެ ފަދަ މަގްބޫލު މަންޒިލުތަކަށް އެއްވެސް ދަތިކަމެއް ނެތި ފަސޭހަކަމާއެކު ދަތުރު ރޭވުމުގެ އިންތިޒާމް ފޯރުކޮށްދިނުމެވެ. 2024 ވަނަ އަހަރު ބެސްޓް ހޮލިޑޭ ބްރޭންޑްގެ އެވޯޑް ޕިކިއޯޓްރެއިލް އަށް ލިބިގެން ގޮސްފައި ވެއެވެ.

