ވަގު ފޯމުތަކުގެ މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
މި މައްސަލަ ހުށައެޅުއްވީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއެކުއެވެ. މައްސަލައިގައި ފާހަގަކޮށްފައިވަނީ މައިގަނޑު ތިންކަމެކެވެ. އެގޮތުން އިހުސާން މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ތެރޭގައި މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއްކޮށްފައިވާކަމަށާއި، ގާނޫނު އަސާސީއާ ހިލާފުވެފައިވާކަމަށް މައްސަލައިގައި ބުނެފައިވެއެވެ.
އެގޮތުން ހިމެނޭ ކަންތައްތަކަކީ:
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުން
ލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުން
ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސް އަޅާފައިވުން
އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާބޭސް ބޭނުންކޮށް ނަގައި، އެ މީހުންގެ ރުހުމަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދުން
އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވާއިރު، ޑީއެންއާރުގެ ތެރޭގައި މިނިސްޓަރު އިހުސާން ހާޒިރުވެ އިންނަވާ ޕާޓީގެ މެންބަރޝީޕް ފޯމު ފުރަމުންދާ ފޮޓޯއެއް ވަނީ އާންމުވެފައެވެ.

