ކޮރަޕްޝަންގެ މައްސަލައެއްގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން 14 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފިއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެންމެ ފަހުން މި ކުރި ޙުކުމަކީ އޯގަސްޓު މަހުން ފެށިގެން ބަންދުގައި ހުންނެވި އިމްރާންގެ މައްޗަށް ކުރި އެންމެ ދިގު މުއްދަތުގެ ޖަލު ޙުކުމެވެ. އެގޮތުން އިމްރާންގެ މައްޗަށް 100 އެތައް މައްސަލައެއްގައި ދައުވާ އުފުލާފައިވާއިރު، އެ ހުރިހާ ދައުވަތަކަކީވެސް ސިޔާސީ ގޮތުން އުފުލާފައިވާ ދައުވާތަކެއްކަމަށް ބުނެ އިމްރާން ގެންދަވަނީ ދައުވާތަކަށް އިންކާރު ކުރައްވަމުންނެވެ.
އިމްރާންގެ މައްޗަށް މިފަހަރު އިއްވި 14 އަހަރުގެ ޖަލު ޙުކުމާ ގުޅޭ ކޮރަޕްޝަން މައްސަލައަކީ އެ ޤައުމުގައި މިހާތަނަށް ފެންމަތިވި އެފަދަ އެންމެ ބޮޑު މައްސަލަކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނަމުން ދިޔަނަމަވެސް، އެ ޤައުމުގައި މީގެ ކުރިންވެސް އެފަދަ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެފައިވާކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.
މި މައްސަލައިގައި އިމްރާން ޚާންއާއި އޭނާގެ އަނބިކަނބަލުންގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އެ ޤައުމުގެ ރިއަލް އެސްޓޭޓް ވިޔަފާރިވެރިއެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ބިމެއް ހޯދާފައިވާ ކަމަށެވެ.
އިމްރާންގެ މައްޗަށް ފާއިތުވި ދުވަސްތަކުގައި މިފަދަ ގިނަ ޙުކުމްތަކެއް އައިސްފައިވާއިރު، އިމްރާންގެ މައްޗަށް ކުރާ ދައުވާތައް އޭނާގެ ޕާޓީކަމަށްވާ ތެހްރީކޭ އިންސާފް ޕާޓީންވެސް ވަނީ ދޮގުކޮށްފައެވެ. އަދި މިއީ ހައްތަހާވެސް ސިޔާސީ ދެކޮޅުވެރިކަމުގައި ކުރަމުންދާ ކަންކަމުގެ ގޮތުގައި އެ ޕާޓީން ވަނީ ސިފަކޮށްފައެވެ.
މީގެ އިތުރުން އިމްރާން ޚާންގެ އަނބިކަނބަލުން ބުޝްރާ ބިބީގެ މައްޗަށްވެސް ހަމަ މި މައްސަލައިގައި 7 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

