ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓުތަކުގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއިން ދިނުން ހުއްޓުވަންޖެހޭ: ޓީމް

ކުރުނބާ ރިސޯޓު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތަކުން ދިވެހި ރުފިޔާއިން މުސާރައާއި ސަރވިސް ޗާޖު ދޭ ގޮތަށް ބަދަލުކުރުން ހުއްޓުވުމަށް ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

ޓީމްސްއިން އެހެން ބުނެފައިވަނީ އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައެވެ. އެގޮތުން ޓީމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ބަދަލުގެ ސަބަބުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް 3,000 ނުވަތަ 5,000 ރުފިޔާގެ މާލީ ގެއްލުމެއް ލިބެމުންދާ ކަމަށާއި، އެކަމުގެ ސަބަބުން އާމްދަނީ ދަށްވުމާ ކުރިމަތިލާން ޖެހުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި މިއީ މުވައްޒަފުންނަށް ތަހައްމަލުކުރެވޭނެ ބުރައެއް ނޫން ކަމަށް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާތަނަށް މުސާރައާއި ސަރވިސް ޗާޖު ދެމުން އައީ ޔޫއެސް ޑޮލަރުންކަން ފާހަގަކޮށް ޓީމްއިން ބުނީ، ސަރުކާރުގެ ބައެއް ޚަރަދުތައް ފޫބެއްދުމަށާއި ލޯނުތައް ދެއްކުމަށް ބޭނުންވާ ޑޮލަރު ހޯދުމަށްޓަކައި، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ޑޮލަރު މާރުކުރުމަށް މަޖުބޫރުކުރުމާ ގުޅިގެން، ބައެއް ރިސޯޓުތަކުން މުސާރައާއި ސަރވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމަށް ނިންމަމުންދާކަމަށެވެ.

އެހެންކަމުން އެކަން ކުށްވެރިކުރާކަމަށް ޓީމްއިން ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 70 އިންސައްތައަކީ ބިދޭސީ މަސައްކަތްތެރިންކަން ފާހަގަކޮށް ޓީމްއިން ބުނީ، އެ ފަރާތްތަކަށް ދިވެހި ރުފިޔާއިން އުޖޫރަ ދިނުމުން އެ ފަރާތްތަކުގެ ޢާއިލާތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވާނެ ކަމަށެވެ.

ޓީމްއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު ދިވެހި ރުފިޔާއިން މުސާރައާއި ސަރވިސް ޗާޖު ނެގުމަށް އެއްބަސްނުވުމަށާއި، ވަޒީފާގެ އެއްބަސްވުން ބަދަލުކޮށް އެފަދަ ލިޔުމެއްގައި ސޮއިނުކުރުމަށްވެސް ގޮވާލައިފައެވެ.

ސަރުކާރުން މިހާރު ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން، ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 20 އިންސައްތަ ކޮންމެ މަހަކު ބޭންކަށް މާރުކުރުކުރަން ޖެހޭކަމަށްވެސް ޓީމްއިން ބުނެފައިވެއެވެ.

މި ބަދަލާ ގުޅިގެން ގިނަ ވިޔަފާރިވެރިންނާއި ރިސޯޓުތަކުން ވަނީ ދެކޮޅު ހަދައި ފާޑުކިޔައިފައެވެ. އަދި މިފަދަ ކޮންމެ ރިސޯޓެއްގައިވެސް މުވައްޒަފުން އެއްބައިވެ، މި މާލީ ގެއްލުމުން ސަލާމަތްވުމަށް އެންމެން އެކީ ނުރުހުން ފާޅުކުރުމަށްވެސް ޓީމްއިން ގޮވާލައިފައިވެއެވެ.

ޓީމްއިން ބުނީ، ތަކެތީގެ އަގާއި ދިރިއުޅުމުގެ ޚަރަދުތައް ދުވަހެއް ދުވަހަކަށް އުފުލެމުންދާ ހާލަތެއްގައި، ޑޮލަރުގެ އަގު 15.42 ރުފިޔާގައި ހިފެހެއްޓި، އާންމު ބޭންކުތަކަށް ދަތިކަމެއް ނެތި ޑޮލަރު ލިބޭނެ ހާލަތަށް މާލީ ހާލަތު ބަދަލުވެ، ތަކެތީގެ އަގު ދަށްވެ، އެއް ހަމައެއްގައި ހިފެހެއްޓުމުން މިފަދަ ބަދަލުތަކަށް މަސައްކަތްތެރިން މަރުޙަބާ ކިޔާނެ ކަމަށެވެ.

ޑޮލަރުން މުސާރައާއި ސަރވިސް ޗާޖު ދެމުން އައިސްފައިވާ ރިސޯޓުތަކުން ދިވެހި ރުފިޔާއިން މުސާރައާއި ސަރވިސް ޗާޖު ދޭ ގޮތަށް ބަދަލުކުރުން ހުއްޓުވުމަށް ޓީމް އިން ވަނީ ސަރުކާރަށް އިލްތިމާސްވެސް ކޮށްފައެވެ.

އަދި މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: