މިއަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެންޑީއޭގެ ސެންޓަރުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެއެވެ.
އެންޑީއޭގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ލުބްނާ ވިދާޅުވީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައިވެސް ސެންޓަރުތަކުގެ ސްޓްރަކްޗަރތަކަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާތީ އެކަމަށް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
މިއަހަރު އެންމެ ބޮޑު އިސްކަމެއްދެއްވާނީ ސެންޓަރުތަކުގެ ޖާގަ އިތުރުކޮށް އެތަންތަނުގެ ހާލަތު ރަނގަޅު ކުރުންކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ އެ މަގަަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.
ފަރުވާގެ ނިޒާމަށް ވައްދަން ޖެހޭ ވަރަށް ގިނަ މީހުން ތިބިކަން އަޅުގަނޑުމެން ފާހަގަކުރަން. އެހެންކަމުން ފަރުވާގެ ތެރެއަށް ވޮލަންޓިއަރ ގޮތުންނާއި އަދި ޑްރަގް ކޯޓު މެދުވެރިކޮށް މީގެ އިތުރުން ރިމާންޑް އޮޕަރޭޝަނުން މީހުން ނަގައިގެން އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް އެބަ ގެންދަން. މީގެ ތެރޭގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން މިއަދާއި ހަމައަށް މަގުމަތިން އަޅުގަނޑުމެން 74 މީހަކު ވާނީ ވައްދާފަ. މީގެ ތެރެއިން ގާތްގަނޑަކަށް 50 މީހުން ރިމާންޑްގެ މުއްދަތު ހަމަކޮށް އެންޑީއޭގެ ފަރުވާގެ ނިޒާމުގެ ތެރެއަަށް ޑްރަގް ރީހެބިލިޓޭޝަނަށް ވަދެފަ. އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް.
ލުބްނާ ވިދާޅުވިއެވެ.
ލުބްނާ ވިދާޅުވީ މަސްތުވާތަކެތި ނަގާ މީހުންގެ ހާލަތަށް ބަލާފަ ފަރުވާ އަވަހަށް ބޭނުންވާ މީހުންނަށް އައުޓްރީޗް ކުރައްވާ ކަމަށާއި މި މަސައްކަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާ ކަމަށެވެ.
ލުބުނާ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖްތަމަޢުގައި ބައިތިއްބައިގެން ދޭ ފަރުވާގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ޑިޓޮކްސިފިކޭޝަން ކަމަށެވެ. އެގޮތުން މި ފަރުވާ ހޮސްޕިޓަލްތައް މެދުވެރިކޮށް ފަށާނީ ޑޮކްޓަރުންގެ އެހީގައި ބޭސް ދީގެން ކަމަށެވެ.
ޑިޓޮކްސިފިކޭޝަން ޕްރޮސެސް އަޅުގަނޑުމެން ހިންގާނީ ހެލްތު ފެސިލިޓީތަކާ ގުޅިގެން. މިހާރު އަޅުގަނޑުމެންނަށް ވަނީ ހެލްތު މިނިސްޓްރީން މީގެ ފެހި ސިގްނަލް ދެއްވާފަ. އެހެންވީމަ އަޅުގަނޑުމެންނަށް ހަމަ ހޮސްޕިޓަލްތަކާއި ގުޅިގެން ޑޮކްޓަރުންވެސް ޓްރެއިންވެގެން އަޅުގަނޑުމެން މި ޓްރީޓްމެންޓް މިފަށަނީ. އޭގެ މާނައަކީ ގޭގައި ބެލެނިވެރިންނަށް ނުބެލެހެއްޓޭ ކުދިން އަޅުގަނޑުމެން ގޭގައި ބަހައްޓައިގެން އެއްގޮތަށްވެސް ފަރުވާއެއް ނުދޭނެ އިނގޭތޯ. އޭގައި އެކުއްޖާ އަދި ބެލެނިވެރިޔާގެ ޗޮއިސްއަށް ބަލާފައި މިހާރުވެސް އަޅުގަނޑުމެން ކުދިން ނަގާގޮތަށް ނުވަތަ ކުދިން ފަރުވާއަށް މޯޓިވޭޓް ކޮށްގެން ގެންނަ ގޮތަށް ނޫނީ ހަމަ ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައިގެން ފަރުވާ ދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން.
ލުބްނާ ވިދާޅުުވިއެވެ.
ލުބްނާ ވިދާޅުވީ އެންޑީއޭގެ ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ބަންދުކުރަން ނޫޅުއްވާ ކަމަށާއި ނެޝެނަލް ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ހިނގާނެ ކަމަށެވެ. އެގޮތުން ހުޅުމީދުގައި ހުންނަ ވިލުނޫ އަދި ހިންމަފުށީގެ އިތުރުން ތިނަދޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައިވެސް ޑިޓޮކްސިފިކޭޝަން ނިޒާމު ގާއިމްވެފައި އެބަހުރި ކަމަށެވެ.
މިތަންތަނުން މިހާރު ދެމުންދަނީ މެތަޑޯން ފަރުވާ ކަމަށާއި ނަމަވެސް މުޖްތަމަޢުގައި ބައިތިއްބައިގެން ދޭ ފަރުވާ ދޭނީ ޑޮކްޓަރުންގެ އެހީގައި ބިއުޕްރިނޯފިން ދީގެން ކަމަށް ލުބްނާ ވިދާޅުވިއެވެ.
މުޖްތަމަޢުގައި ބަހައްޓައިގެން ފަރުވާ ދިނުމުގެ ނިޒާމު ޤާއިމް ކުރެވޭއިރު ސައިކޯ ސޯޝަލް ސަޕޯޓް ދިނުމުގެ ނިޒާމު ވަރުގަދަ ކުރަންޖެހޭކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށާއި ފަރުވާގެ ނިޒާމުގެ ތެރޭގައި ރިކަވަރީ ސަޕޯޓު ދޭނެ އެންޖީއޯތައް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.
އަދި މިފަދަ އެންޖީއޯތަކަށް ފައިނޭންޝަލް ސަޕޯޓް ދެވޭނެ ގޮތަކަށް މަސައްކަތްތަށް ބައްޓަންކުރައްވަން ގިނަ މަސައްކަތްތަކެއް އެންޑީއޭގެ ބޯޑުން މިހާރު ފައްޓާފައިވާކަންވެސް ލުބްނާގެ ވާހަކައިގައި ވިދާޅުވިއެވެ.

