ފާޑުކިޔުމުގެ ނަމުގައި ދިވެހި ރައްޔިތުންނަކީ ތަހުޒީބާއި ޑިމޮކްރެސީއާ ދުރު ބައެއްކަމަށް ސިފަކުރުމަކީ އެކަށީގެންނުވާ އަދި ރައްޔިތުންނަށް އިހާނެތިކޮށް ހިތުމުގެ ޢަމަލެއް ކަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ސިޔާސީ ފަރާތަކުން މީޑިއާއެއްގައި ވެރިކަން ވައްޓާލުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނާނެކަމަށް ދޭހަވާގޮތަށް ދެއްކެވި ވާހަކައަކާ ގުޅިގެން ނައިބު ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އަބަދުވެސް ރަނގަޅު ނިޔަތުގައި ކުރެވޭ ފާޑުކިޔުންތަކަށް މަރުޙަބާ ކިޔުއްވާ ބޭފުޅެއް ކަމަށެވެ. އަދި މިއީ ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުމަށް ކުރިމަތިލައްވާ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންވާނެ ސިފައެއް ކަމުގައި ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ފާޑުކިޔުމުގެ ނަމުގައި ދިވެހިންނަކީ ތަހުޒީބާއި ޑިމޮކްރެސީއާ ދުރު ބައެއްކަމަށް ދެއްކުމަކީ ރައްޔިތުންނަށް އިހާނެތިކޮށް ހިތުމުގެ ޢަމަލެއް ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް ފަރާތެއް ސިޔާސީ ސަބަބަކާހުރެ ހައްޔަރުކޮށް ދަޢުވާ ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ހުރިހާ ފަރާތްތަކަށްވެސް ލިބިގެންވާނެ ކަމަށް އެމަނިކުފާނު ވަނީ ޔަޤީންކަން ދެއްވާފައެވެ.

