އެޗްޑީސީގެ މަސައްކަތްތައް މިހާރު ބައްޓަންކުރެވިފައިވަނީ އާންމު ރައްޔިތުންނަށް ވީހާވެސް ގިނަ ފަސޭހަތަކާއި ލަބާ އަދި މަންފާ ލިބިގެންދާ ގޮތެއްގެ މަތިންކަމަށް އެ ކުންފުނީގެ ޗެއަރމަން އަހުމަދު ނާސިފް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ބިނާކުރަމުންދާ ލަގްޝަރީ އެޕާޓްމެންޓް އިމާރާތެއްކަމަށްވާ ކަނޑޫފާ ރެސިޑެންސް އިނޯގްރޭޓްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗެއަރމަން ނާސިފްވަނީ ދެފުށް ފެންނަ ގޮތެއްގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މުހިމްު ކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެގޮތުން މިފަދަ ޕްރޮޖެކްޓެއް ކުރިއަށް ގެންދާއިރު އެކި މަރުހަލާތަކުގައި ކުރެވެމުންދާ މަސައްކަތްތައް ފެނިގެންދާގޮތަށް ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުން މުހިންމުކަމަށް ދެކިވަޑައިގަންނަވާކަން ހިއްސާކުރެއްވިއެވެ.
ނާސިފް ވިދާޅުވީ، ކަނޑޫފާ އިންވެސްޓްމެންޓުން އާންމު ފަރާތްތަކަށް މަސައްކަތްތަކުގެ މައުލޫމާތު ދިނުމުގެ ގޮތުން ހުޅުވާލެވިފައިވާ މާހައުލެއްގައި މައުލޫމާތުތައް ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީވެސް މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، މިފަދަ ޕްރޮޖެކެޓްތަކަކީ ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު ވައުދުކަމަށެވެ.
އެހެންކަމުން މިހާރު އެންމެ އިސްކަމެއް ދީގެން އެޗްޑީސީިންވެސް އާންމު ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަތަކެއް ލިބި ފަހިވެގެންދާ ކަންކަމަށް ސަމާލުކަން ދީގެން މަސައްކަތްކުރުންކަމަށެވެ. އަދި އެ އަމާޒުގެ މަތިން މިހާރު އެޗްޑީސީގެ މަސައްކަތްތައްވެސް ބައްޓަންވެގެންދަނީ އާންމު ރައްޔިތުންނަށް ވީހާވެސް ފަސޭހަތަކާއި ލާބަ އަދި މަންފާ ލިބިގެންދާ ގޮތެއްގެ މަތިންކަމަށް ފާހަގަކުރެއްވިއެވެ،

