ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމު ހިމެނޭ ލިސްޓަށް ރޯމޭނިއާ އާއި ކަޒަކިސްތާން އަރައިފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ރޯމޭނިއާ އާއި ކަޒަކިސްތާން ލިސްޓުގައި ހިމެނުނުއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައިވެސް ކަޒަކިސްތާން އެ ލިސްޓަށް އެރިއެވެ. މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 2،122 ކަޒަކިސްތާން ފަތުރުވެރިން ރާއްޖެ އައިކަަމަށް ދައްކައެވެ. މި މުއްދަތުގައި އެ ގައުމު އޮތީ ލިސްޓުގެ 10 ވަނައިގައެވެ. އެހެން ނަމަވެސް އެ މުއްދަތުގައި ރޯމޭނިއާ އެ ލިސްޓަށް އަރާފައެއް ނުވެއެވެ.
އެ ވުޒާރާއިން މިއަދު އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން ކަޒަކިސްތާން ލިސްޓުގެ ނުވަ ވަނައިގައި އޮތީ 2،395 ފަތުރުވެރިންނާއި އެކުގައެވެ. އަދި ރޯމޭނިއާ ލިސްޓުގެ 10 ވަނައިގައި އޮތްއިރު، އެ ގައުމުން ރާއްޖެއަށް 2،286 ފަތުރުވެރިން އައިސްފައި ވެއެވެ.
މިދިޔަ އަހަރު ނިމުނުއިރު، ކަޒަކިސްތާން އޮތީ ރާއްޖެއަށް 18 ވަނަ އަށް ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައެވެ. އަދި ރޯމޭނިއާ އޮތީ ރާއްޖެއަށް 20 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމު
- ރަޝިއާ: 15،077 ފަތުރުވެރިން
- އިޓަލީ: 12،560 ފަތުރުވެރިން
- ޗައިނާ: 11،560 ފަތުރުވެރިން
- އިނގިރޭސިވިލާތް: 10،621 ފަތުރުވެރިން
- ޖަރުމަން: 7،313 ފަތުރުވެެރިން
- އިންޑިއާ: 5،648 ފަތުރުވެރިން
- އެމެރިކާ: 3،875 ފަތުރުވެރިން
- ފްރާންސް: 3،783 ފަތުރުވެރިން
- ކަޒަކިސްތާން: 2،395 ފަތުރުވެރިން
- ރޯމޭނިއާ: 2،286 ފަތުރުވެރިން
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިހާރު އަމާޒު ހިފާފައި ވަނީ މި އަހަރުގެ އެ ދާއިރާއިން 15 އިންސައްތައިގެ ކުރިއެރުމެއް ހޯދުން ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވަނީ ވިދާޅުވެފައެވެެ.

