އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކާއި ގުޅިގެން އެކުލަވާލާފައިވާ އިމިއުނިޓީ އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.
މީގެ ތެރެއިން ތިން މީހަކާއިއެކު ވެފައިވާ އެއްބަސްވުން ވަނީ އުވާލާފައެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން މ ލޭންޑް އޮފް ގާޑަން އަހުމަދު އިޝްފާހު އަލީ އަދި މ ސެސްނާ މުހައްމަދު އައްލާމް ލަތީފް އާއި ގ އޮއިވާލި މުހައްމަދު ހުސައިން އާއިއެކު އެކުލަވާޅާފައިވާ އިމިޔުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުމެވެ.
މިކަމާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއްބަސްވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލް ކުރައްވައި އެމީހުންގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލަތައް ތަޙްޤީޤު ކުރައްވަވައި އެއޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އެންގެވުމާގުޅިގެން މަރުޙަބާ ދަންނަވާކަމަށެވެ.
ޒަމާނުއްސުރެން މިޤައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މިޤައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެންކަމަށް ރައީސް ވިދާޅުވިއެވެ.

