ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ބަޖެޓުގައި އާސަންދައަށް ހޭދަކުރަން ކަނޑައަޅާފައިވަނީ 1.9 ބިލިއަން ރުފިޔާއެވެ. ނަމަވެސް، އަހަރު ނިމުނުއިރު ޚަރަދުވެފައިވަނީ މިއަށްވުރެ 240 މިލިއަން ރުފިޔާ އިތުރަށެވެ.
އާސަންދައިގެ ޚަރަދުތަކަށް އިތުރަށް ބަލާއިރު، 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ވަނީ 2% އިތުރުވެފައެވެ. 2023 ވަނަ އަހަރު އާސަންދާއަށް ހޭދަވެފައިވަނީ 2.11 ބިލިޔަން ރުފިޔާއެވެ.
ކަމާގުޅޭ ފަރާތްތަކުން މަޢުލޫމާތު ދެއްވާގޮތުގައި، 2013 ވަނަ އަހަރު އާސަންދައަށް ހޭދަކުރީ ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާއެވެ. ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު މިއަދަދު ވަނީ ދެގުނަ އިތުރުވެފައެވެ. އަދި އާސަންދައިން ކުރަންޖެހޭ ޚަރަދުތައްވެސް ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.
އާސަންދައިގެ ޚަރަދުތައް އިތުރުވަމުންދިއުމަކީ ގިނަ ސަރުކާރުތަކަކުން ކުރިމަތިލާންޖެހިފައިވާ ގޮންޖެހުމެކެވެ. މިހާތަނަށް އެއްވެސް ސަރުކާރެއްގެ ދައުރު ނިމިދިޔައިރު މިމައްސަލައަށް ދާއިމީ ހައްލެއް ހޯދިފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ދެމެހެއްޓެނިވި ހައްލެއް ހޯދުމަކީ ކުރިއަށް އޮތް ތަނުގައި ސަރުކާރުން އިސްކަންދޭންޖެހޭނެ ކަމެއްކަމަށް ބެލެވެއެވެ.

