މީހުން ބުނެއުޅެއެވެ. ކައްޗަށް އެޅި ބިންގަލެއް ކެއްޗާއި ހަމައަށް ދިޔަޔަސް ހުންނާނީ ކައްޗަށެވެ. ޑރ.މުހައްމަދު ޖަމީލް އަހްމަދު ދިވެހި ނޫސްތަކުގެ ސުރުހީން ފެންނަން ފެށީ އޭނާއަށް ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ޖަސްޓިސް މިނިސްޓަރުކަން ދެއްވުމުން ކަމަށް ވީނަމަވެސް އޭގެ ކުރިން އޭނާގެ އަނިޔާ ދިވެހިން ތަހައްމަލް ކުރަން ޖެހިއްޖެއެވެ. މަދަނީ ކޯޓުގެ ގާޒީ ކަމުގައި ހުރެ ޖަމީލް ކުރި ހުކުމްތަކުން އަނިޔާ ލިބުނު މީހުން އަދިވެސް އެވާހަކަ ކިޔައިދޭން ދުނިޔޭގައި އެބަތިއްބެވެ. ޖަމީލް ގާޒީ ކަމުގައި އިނދެ ކުރި ހުކުމްތަކަކީ މިއަދުވެސް އަލުން އެސޮފްހާ ހުޅުވައިގެން ދައްކަން ހުތުރު އެތައް ވާހަކައެއް ހިމެނޭ ހުކުމްތަކެކެވެ. އެހެންކަމުން އެވާހަކަތައް ބާއްވާށެވެ.
ޑރ.ހަސަން ސައީދުގެ ބެސްޓް ފްރެންޑަށް ވީތީ ރައީސް މައުމޫން ޖަމީލަށް ދެއްވި ވަޒީރު ކަމުގައި ޖަމީލް އުޅުއްވި ގޮތް ވެސް ދުއް މީހުން އެބަތިއްބެވެ. ވަޒީރުގެ ކާރުކޮޅަށް މީހަކު ބޮނޑިބަތް ޖަހައިފި ކަމަށް ބުނެ އޭނާ ހިފައި ހައްޔަރުކޮށް ބުރިން ހަން ނަގާ ވަރު ކޮށްލީ މިދެންނެވި ޖަމީލެވެ. ރައްޔިތުންގެ އިހްސާސްތައް އަޑުއެހުމުގެ ގާބިލްކަން ޖަމީލްގެ ކިބައިގައި ނެތް ކަމުގެ ފުރަތަމަ ހެއްކަކީ ރައްޔިތުންގެ ކުރިމައްޗަށް ފުރަތަމަ ނިކުތް ދުވަހު ވެސް ރައްޔިތުންގެ ވާހަކަތައް ހަޖަމު ނުވުމެވެ. ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބެލުމަށް ވޯޓް ނެގުމުގެ ކުރިން އޮތް ބަހުސް ދޫކޮށް ޖަމީލް ނިކުތީ ރައްޔިތުން ދައްކާ ވާހަކަ ހަޖަމް ކުރުމުގެ ގާބިލްކަން ނެތްކަން އަމިއްލައަށް ސާބިތުކޮށްދީ އެކަމަށް އަމިއްލައަށް އިއުތިރާފު ވެސް ވެފައެވެ.
2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ތައްޕަހުގައި ހަސަން ސައީދު އެލިގަނެގެން ޖަމީލަށް ވަޒީރުކަން ހޯދައި ދިނެވެ. ނަމަވެސް ޖަމީލަށް ”މަމޮޅު ކަން ދައްކަން ހަދައިގެން“ ވަޒީރު ކަމުގައި ނީނދެވުނެވެ. ކެބިނެޓްގައި އިންނެވި ވަޒީރަކަށް ވެހުރެ ސަރުކާރުގެ ސިޔާސަތުތަކާއި ކަނޑައެޅިން ދެކޮޅަށް ތަކުރާރުކޮށް ވާހަކަދައްކަމުން ދަނިކޮށް ޖަމީލު ކެބިނެޓުން ވަކިކުރިއިރު ވަޒީރުކަމުގައި ވީހަމަސް ދުވަހެވެ.
ދެން ޖަމީލް ފެނުނީ ރައީސް ޑރ.މުހައްމަދު ވަހީދުގެ ކެބިނެޓުންނެވެ. ހޯމް މިނިސްޓަރު ކަމުގެ މަގާމުންނެވެ. ޖަމީލްގެ ގޮތާއި ފޮތް ރައީސް ވަހީދަށް އެނގުމުން ދައުރު ނިންމާލުމުގެ ފުރުސަތެއް ޖަމީލަކަށް އެކެބިނެޓުން ވެސް ނުލިބުނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓްކަން ޖަމީލް ހޯއްދަވައިގެން ނައިބު ރައީސް ކަމަށް ވަޑައިގެން ބަޣާވާތުގެ މަސައްކަތް ފަށަން ގިނަ ދުވަހެއް ނުނެގިއެވެ. ”ވީޕީ ޓީމް“ އުފައްދަވައިގެން ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުން އެއްކޮށް ”ބޮނޑިބަތް ގަނޑެއް ހިލަން“ ޖަމީލް މަސައްކަތް ފެށިއިރު އަދި 2014 ވަނަ އަހަރު އިންތިހާބު ކުރި ރައްޔިތުންގެ މަޖިލިސް އަދި ރަނގަޅަށް ހިނގައި ނުގަނެވެ. ޖަމީލް އޭނާގެ އައުވާނުންގެ ގޮތުގައި ވަޒީރު ފެންވަރުގައި ތިބި ދެބޭފުޅުންނާއި ދެން ވެސް އޭނާގެ ބަހެއް އަހާފާނެހެން ހީވާ ބަޔަކު ގޮވައިގެން މަސް ދަތުރުކޮށް ރާވަމުން ދިޔަ ރޭވުންތަކާއި ގުޅުން ބާއްވަމުން ގެންދިޔަ މީހުން ރައީސް އަބްދުﷲ ޔާމީނަށް ދުވަހުން ދުވަހަށް ދިޔައީ އެނގެމުންނެވެ. މޭޑޭ މުޒާހަރާގައި ވެސް ސަރުކާރު ވެއްޓި ރައީސް ކަމުގެ ހުވާ ކުރަން ޖަމީލަށް ގޮވާލަފާނެ ކަމަށް ތައްޔާރުވެގެން ހުރިކަމަށް ވެއެވެ.
ކޮންމެއަކަސް ބަޣާވާތަކަށް ފުރުސަތު ނުދެއްވާ ރައީސް ޔާމީން ޖަމީލް ވަކިކުރީ އެނޫން އިތުރު އެއްވެސް ގޮތެއް ނެތިގެންނެވެ. ޖަމީލްގެ ހަގީގަތް ރައީސް ޔާމީނަށް އެނގިވަޑައިގަތުމުންނެވެ.
ޖަމީލަކީ އޭނާގެ އަތްފައި އިނދި މުޖުތަމައުގެ ތެރޭގައި އުޅެން ފެށިފަހުން އުފެދުނު ހުރިހާ ކެބިނެޓެއްގައި ޖަމީލް ހިމެނުނެވެ. ނަމަވެސް އެއްވެސް ކެބިނެޓެއްގައި ވަޒީރު ކަމުގެ ދައުރު ފުރިހަމައެއް ނުކުރެވުނެވެ. ރައީސް މައުމޫންގެ ކެބިނެޓް، ރައީސް ނަޝީދުގެ ކެބިނެޓް، ރައީސް ވަހީދުގެ ކެބިނެޓް، ރައީސް ޔާމީންގެ ކެބިނެޓްގައި ހިމެނި ހަމަ އެންމެ ރައީސަކަށް ވެސް ޖަމީލް ގޮވައިގެން ނޫޅެވި ވަކިކުރަން ޖެހުނީ ޖަމީލް ކޫޑިއަކަށް ވުމުންނެވެ.
ޖަމީލް އިނގިރޭސިވިލާތައް ވަޑައިގެން ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ހެދިހާ ދޮގާއި، ކެއްކިހާ ބޮނޑިބަތުގެ ވާހަކައަކީ މިއަދުވެސް ޕީޕީއެމްގެ މެންބަރުންގެ ހިތް ޖަމީލަށް ސާފުނުވެ އޮތް ސަބަބެވެ. ލަދުހުތުރު ވެގެން ގޮސް ވެސް ޖަމީލް، ރައީސް ޔާމީނަށް ނުކިޔާކަށް އެއްޗެއް ނެތެވެ. އެމަންޒަރުތައް އެހުރީ މިއަދު ވެސް ރެކޯޑް ކުރެވި އާކައިވް ކުރެވިފައެވެ.
ރައީސް ޔާމީންގެ ވެރިކަން ވައްޓާލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބުމުން ޖަމީލް ބޭނުންވީ ”ބޮޑު ވަޒީރުކަމެކެވެ.“ ނަމަވެސް ފުރުސަތެއް ނުދިނެވެ. ދެން ވާދަކުރީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ގޮނޑިއަށެވެ. ކުރީގެ ނައިބު ރައީސްގެ ލަގަބުގައި އިންތިހާބުގައި ވާދަކޮށް ޖަމީލަށް ލިބުނީ ފަހަތުން ދެވަނައެވެ. ލަދު ހުތުރު ނަތީޖާއެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ނުލިބޭ ހިސާބަށް ޖަމީލް ދިޔައީ އެކަންޏެއް ނޫނެވެ. މިއަދު ޖަމީލަކީ އަވަށު ސްކޫލެއްގެ ޕީޓީއޭގެ ގޮނޑިއެއް ވެސް ވޯޓަކުން ހޯދަން ޖެހޭނަމަ އެކަން ވެސް ކުރެވޭވަރު މީހެއް ނޫނެވެ.
ރައީސް ޔާމީން މައްޗަށް ޝަރީއަތް ހިންގަން ފެށުމުން މާހެޔޮއެދޭ މީހަކަށް ވެގެން ޖަމީލް ގޮސް ކުރި ކަންތައްތަކަކީ އިތުރު ތަފްސީލަކަށް ބޭނުންވާނެ ކަންތައްތަކެއް ނޫނެވެ. 2022 ވަނަ އަހަރު ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު ހީގެންފައި އޮތް ކަންވާރު ބޮޅެއްހެން އިސްތިއުނާފު ހުށަހެޅީ ހަމައެންމެ ނަތީޖާއެއް ޖަމީލް ހާސިލް ކުރަން ބޭނުން ވާތީއެވެ. ޖަމީލް ހާސިލް ކުރަން ބޭނުންވި ނަތީޖާއަކީ ރައީސް ޔާމީނަށް އިތުރު ދައުރަކަށް ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލުވާލުމެވެ. އެންމެ އިޖުރާއީ ނުކުތާއެއް ފާހަގަ ކޮށްގެން ބާތިލް ކޮށްލެވެން އޮތް މައްސަލަ ޖަމީލްގެ ބޭކާރު ވާހަކަތަކާއި ނުނިމުނު ހާސަރުތަކުގެ ސަބަބުން ދިގުލައިގެން ގޮސް ޖަމީލް ބޭނުންވި ނަތީޖާ އެއޮތީ ނެރެފައެވެ.
މިއަދު ރައީސް ޔާމީންގެ ޕީއެންއެފް ޖަލްސާތަކުގައި ރައީސް ޔާމީން ވާހަކަދައްކަވަން އިންނަވާއިރު ޖަމީލް ކިތަންމެ ވަރަކަށް ބޯ ޖެއްސެވި ނަމަވެސް އެއީ ހެވެއް އެދިގެން، ރައީސް ޔާމީންގެ ކުރިމަގަށް، ރައީސް ޔާމީނަށް އުޖާލާ ސިޔާސީ މުސްތަގުބަލެއް ހޯއްދަވަން ޖައްސަވާ ބޮލެއް ނޫނެވެ.
ރައީސް ޔާމީން ރިޔާސީ އިންތިހާބަކަށް ނިކުންނަވާއިރު އަރިހުގައި ޖަމީލް ނުހުންނަވާނެ ކަމީ އިރުމަތީ ފަރާތުން އިރު އަރަމުންދާކަން ޔަގީންވާ ބީދައިން ޔަގީންވެ ކަށަވަރުވާ ކަމެކެވެ. މި ރިޕޯޓް ރެކޯޑްކޮށް އާކައިވް ކުރައްވައިގެން ރައީސް ޔާމީން ހުންނަވާށެވެ. އަޅުގަނޑު މިދަންނަވާ ވާހަކަ ނޯޓް ކުރައްވާށެވެ. ރައީސް ޔާމީން އިންތިހާބެއް ކާމިޔާބު ކުރަން ނިކުންނަވާއިރު އަރިހުގައި ޖަމީލެއް ނުހުންނަވާނެއެވެ. ޢެހެންނުން، ރައީސް ޔާމީން ޅޮސް ޢުނދޯއްޔަކަށް އަރުވާ ސިޔަސީ ގޮތުން ފަނާކޮށްލަން، އަރިހުގައި ބޮނޑިބަތް ކައްކަން ހުރެދާނެއެވެ.
ޖަމީލަށާއި އޭނާގެ އާއިލާ މެންބަރުންނަށް ވަޒީރުކަން ދިނުން އެއީ ކޮންމެ ރައީސަކު ކުރަން ޖެހޭ ކަމެއް ކަމަށް ޖަމީލަށް ހީވެފައި އޮތް ނަމަވެސް އެއީ އެކަން ވާން ޖެހޭނެ ގޮތެއް ނޫނެވެ. ޖަމީލް ވަފާތެރިވި ލީޑަރެއް، ޖަމީލް އަމިއްލަ އެދުމެއް ނެތި ހިދުމަތް ކޮށްދިން ކެބިނެޓެއް ނެތެވެ.
ޖަމީލް ލައިގެން މީގެ ކުރިން ވެސް ކެއްކުނީ ބޮނޑިބަތެވެ. އަދިވެސް ބޮނޑިބަތް ކެއްކިދާނެއެވެ. ނަމަވެސް ތާހުގެ ވަތުގައި ނުހިފައި ބޮނޑިބަތް ވެސް ޖަމީލް ބައިވެރި ކޮށްގެން ކެއްކިދާނެ ކަމާއިމެދު ޝައްކެވެ.

