އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މެމްްބަރޝިޕް ޑްރައިވެއް ކުރިއަށް ނުގެންދާ ކަމަށާއި ކުރެއްވި ކަމަކީ ރައީސް ސޯލިހަށް ތާއިދު ކުރާ އެމްޑީޕީ ޕާޓީގައި ރެޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތާއިދު ލިސްޓު ފުރިހަމަ ކުރީކަމަށް ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފް ޒާކިރް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މައުރޫފް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އޮފިސްތަކުގެ ތެރޭގައި ޕާޓީއަށް މެމްބަރުން ވެއްދުމަށް ފޯމު ފުރާ ނުވަތަ ހިންގީ މެމްބަރޝިޕް ޑްރައިވެއް ނޫން ކަމަށެވެ. އޭރު އެމްޑީޕީން ކުރި ކަމަކީ ރައީސް ސޯލިހަށް ތާއިދު ކުރާ، ޕާޓީގައި ރެޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތާއިދު ލިސްޓު ފުރިހަމަ ކުރީ ކަމަށް މައުރޫފް ވިދާޅުވިއެވެ.
”އަޅުގަނޑަކަށް ނޭންގެ އޮފީސްތެރޭގައި ފުރިހަމަކުރި ކަމެއް ނުކުރާކަމެއް. މީގަ ހިނގައިގެން މިއުޅެނީ ޖިނާއީ ކުށެއް. ޒާތީ މައުލޫމާތު މީހުންނަށް ނޭންގި ފިންގަރ ޕްރިންޓު ޖެހުން މިއީ ކުށެއް. ދެންގޮސް ޑީއެންއާރަކީ ރައްކާތިކަމާއެކު، ދުނިޔޭގެ ގައުމުތަކުގައި ޑާޓާ ބްރީޗަކީ ވަރަށް ބޮޑަށް ރައްކާކުރެވިގެންވާ ނުވަތަ ބެލެހެއްޓެން ޖެހޭ އެއްޗެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަންކަން“
މައުރޫފު ވިދާޅުވީ ދިވެހިރާއްޖޭގައިވެސް މިހާރު އޮތް މަޖިލީހުންވެސް ޒާތީ މައުލޫމާތު ރައްކާތެރި ކުރުމާއި ގުޅޭ ގޮތުން ގާނޫނުތަކެއް ފާސްކޮށްފައިވާ ކަމަށެވެ. މައުރޫފް ވިދާޅުވީ މިފަދަކަމެއް ރާއްޖޭގައި ކުރެއްވުމަށް އެންމެ އިސްކޮށް ހުންނެވީ ހޯމް މިނިސްޓަރު ކަމަށެވެ.
ކަމެއް ދިމާވާނަމަ އެކަން ތަހުގީގު ކުރެއްވުމުގެ ނުވަތަ ފުލުހުންގެ އިދާރާގެ އެންމެއިސް އެއް ފަރާތް ކަމުގައި ނުވަތަ ފުލުހުން ޖަވާބުދާރީ ވާން ޖެހޭ ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޯމް މިނިސްޓަރު އިސްވެ ހުންނަވާ ހޯމް މިނިސްޓްރީ ތެރޭގައި ނުވަތަ ޑީއެންއާރުގެ ތެރޭގައި އެތަނުގެ މުވައްޒަފުންގެ މަސައްކަތު ގަޑީގައި ޕީއެންސީގެ ފޯމުފުރަން ތިބި ކަމަށް މައުރޫފު ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ ކުރަނީ ތުހުމަތު ކަމަށާއި އެހެންނަމަވެސް ޕީއެންސީގެ މެމްބަރުން އެކަން ދޮގު ނުކުރާ ކަމަށެވެ.
މައުރޫފް ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖޭގައި ވިޔަސް އަދި ކޮންމެ ތަނެއްގައި ވީނަމަވެސް ކުރެވޭނީ ކުށެއްގެ ތުހުމަތު ކަމަށެވެ. އަދި އެމްޑީޕީން އެކަން ބެލުމަށް ގޮވާލާ މައިގަނޑު ސަބަބަކީ އެކަމުގެ ތެދު ދޮގު ރައްޔިތުންނަށް ގެނެސްދިނުން ކަމަށް މައުރޫފް ވިދާޅުވިއެވެ.
މީގެއިތުރުން މައުރޫފް ވިދާޅުވީ އެ މައްސަލަ ބެލޭނެ ކަމުގެ ޔަގީންކަން މެމްބަރަށް ނެތް ކަމަށެވެ. އަދި ހޯމް މިނިސްޓަރުގެ އިތުބާރު ނެތުނީވެސް އެ މައްސަލަ ޕީޖީ އާއި ފުލުހުން ނުބަލާނެ ކަން އެނގިވަޑައިގަންނަވާތީ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި މައުރޫފް ވިދާޅުވީ އެ މައްސަލަ އެތަނުގައި ހިނގާފައިވާނަމަ، އެ މައްސަލަ ބައްލަވަން ޖެހެވަޑައިގަންނަވާނީ ހޯމް މިނިސްޓަރު ކަމަށެވެ.

