ދީނާ ޚިލާފު އިޝްތިހާރެއް ފެނިއްޖެނަމަ ނުފަތުރައި ފުލުހުންނަށް ރިޕޯޓު ކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ”މާސްޓަރ ދުރްގާ ރާއޯ ގުރުޖީ“ ނަމަކަށް ކިޔާ މީހަކު ދިވެހިރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގެ މަންސަތަކުގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ، ދިވެހިންގެ ސަގާފަތާއި ދީނާ ޚިލާފު މިފަދަ ކަންކަމުގެ މަޢުލޫމާތު އެކަކު އަނެއްކަކާ ހިއްސާ ކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
އެހެންކަމުން، މިފަދަ އިޝްތިހާރެއް ފެނިވަޑައިގަންނަވައިފިނަމަ ލަސްނުކުރައްވައި ފުލުހުންނަށް އަންގަވައިދެއްވުމަށް ވަނީ އެދިފައެވެ.

