ރަށްރަށުގެ ކައުންސިލް އިމާރާތްތައް އަޅަން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން 55 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން ހަވާލުކުރި ހެކްސްޓާ މޯލްޑިވްސްއަކީ ސީދާ އެ މަސައްކަތް ކުރަން އުފެއްދި ކުންފުންޏެއް ކަމަށް ލޯކަލް ގަވަރމެންޓު މިނިސްޓަރު، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އިމާރާތްކުރެވޭ ކައުންސިލް އިދާރާތައް ޢިމާރާތްކުރާނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓަރ ގްލޯބަލް ކަމަށެވެ. އަދި މި މަޝްރޫޢުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ހެކްސްޓާ ގްލޯބަލްއިން ދެފުށް ފެންނަ ގޮތަށް ކަމަށާއި، މަޝްރޫޢު ހިންގުމުގައި ދިވެހިރާއްޖޭގެ ޚަރަދުގައި ރާއްޖޭގައި މަސައްކަތްކުރާ މީހުން ބޭނުންކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ލޯކަލް ގަވަރމަންޓް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހަފުތާގެ ތެރޭގައި ބައެއް ކައުންސިލްތަކުގެ އިމާރާތްތަކުގެ ބިންގާ އެޅުމުގެ މަސައްކަތް ފެށިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި އަތޮޅުތަކުގެ 55 ރަށެއްގައި ކައުންސިލް އިދާރާތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްގެ ދަށުން އިތުރު 50 ކައުންސިލް އިދާރާ ޢިމާރާތްކުރުމަށްވެސް ވަނީ ރޭވިފައެވެ.
ރައީސް މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މި މަޝްރޫޢަކީ، ބާވެ ވީރާނާވެފައިވާ ރަށްރަށުގެ ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރުމުގެ މަސައްކަތެކެވެ. މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ އިދާރީ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

