ރ. ރަސްގެތީމުގެ ތަރައްގީއަށް ކުރަންހުރި ހުރިހާ ކަމެއްވެސް އެހެން ހުރިހާ ރަށެކޭވެސް އެއްފަދައިން ކުރިއަށް ގެންދަވާނެ ކަމަށާއި އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.
ރ އަތޮޅުގެ ރަށްތަކަށް ކުރއްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްގެތީމުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ އެހެން ރަށްރަށެކޭވެސް އެއްފަދައިން އެރަށަށްވެސް އެތައް ހިދުމަތެއް ބޭނުންވާ ކަމަށެވެ. ނުނިމި ހުރި ނަރުދަމާގެ މަސައްކަތާއި އަދި ސްކޫލުގެ މަސައްކަތާއި އަދި ކުޅިވަރު ކުޅޭނެ މާހައުލެއް ގާއިމްކުރުމާއި މިފަދަ އެތައް ކަމެއް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ރަށަށް ވަޑައިގަތް ސަބަބަކީވެސް ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގަތް ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވުން ކަމަށެވެ. އަދި ތަރައްގީއަށް ކުރަން ހުރި މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ރަސްގެތީމުގެ ކަންކަންވެސް ނުކުރެވި އޮތް ސަބަބަކީ އެހެންރަށުގެ ކަންކަންވެސް ނުކުރެވި އޮތް ސަބަބު ކަމަށެވެ.
ރައީސް ވިދާޅުވީ އިގްތިސޯދީ ގޮތުން ގައުމު މި ސަރުކާރަށް ހަވާލުވެގެން ދިޔައިރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށާއި އަދިވެސް ގިނަ ކަންކަން އެގޮތުން ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ވަނީ އެރަށަށް ވަޑައިގެން އެރަށުގެ ކައުންސިލްގެ އައު އޮފީސް ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. އަދި ރަސްގެތީމުގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް އެބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

