ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން އެދިވަޑައިގަންނަވާނަމަ ރ. ވާދޫއަކީ އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ހައްދާނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ތެރެއިން ރ. ވާދޫއަކީ މުޅި ރަށުގެ ހުރިހާ ހަކަތައެއް އިޔާދަކުރަނިވި ހަކަތައިގެ މަސްދަރުތަކުން، ޚާއްޞަކޮށް ސޯލަރ ޕަވަރއިން ދޭ ރަށަކަށް ހެއްދެވުމަކީ އެ މަނިކުފާނު ބޭނުންވެވަޑައިގަންނަވާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މި ފަދައިން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި 3 ދުވަހުގެ ދަތުރުގައި އެ އަތޮޅު ވާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ރ. ވާދޫ ސިފަކުރައްވާފައި ވަނީ، އަމިއްލައަށް އިސްނަންގަވައިގެން، ބިނާކުރަނިވި ވިސްނުމެއްގައި، ގިނަ ކަންތައްތަކެއް ކުރާ ރައްޔިތަކު ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައެވެ.

ރ. ވާދޫގެ ރައްޔިތުންނަކީ ވަރަށް ފައްސި ވިސްނުމެއްގައި މަސައްކަތް ކުރައްވާ، ތަރައްޤީގެ ވިސްނުމުގެ ރައްޔިތުންތަކެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވަނީ އެކަމަށްޓަކައި އެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ރަށުގެ ތަރަޢްޤީއަށް ޚާއްޞަ ކަންތައްތަކެއް އެބަހުރިކަމަށާއި، ރ.ވާދޫއަކީ އަމިއްލައަށް އިސްނަންގަވައިގެން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައި އޮތް ރަށެއްކަމަށެވެ. އަދި އެކަމަށް މަރްޙަބާ ވިދާޅުވެ، ރައީސް ވަނީ ހިތްވަރުވެސް ދެއްވައިފައެވެ.

2028 އަންނަ އިރު މުޅި ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި، އެންމެ މަދުވެގެން 3 ބައިކުޅަ 1 ބަޔަކީ އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެންދެވޭ ޚިދުމަތެއް ކަމުގައި ހެއްދެވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވީ، ރ. ވާދޫއަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، މުޅި ރަށުގެ ހުރިހާ ހަކަތައެއް، އިޔާދަ ކުރަނިވި ހަކަތަ، ވަކިން ޚާއްޞަކޮށް އިރުގެ އަވިން އުފައްދާ ހަކަތަ ބޭނުންކުރާ ރަށަކަށް ހެއްދެވުމަށް ބޭނުންފުޅުވެވަޑައިގަންނަވާކަމަށެވެ. ރަށުގެ ރައްޔިތުން އެ ވިސްނުންފުޅުގައި ތިއްބެވި ކަމަށް ވަންޏާ، އެ ރަށުގެ ހުރިހާ ތަންތަނަކީ އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ހެދިދާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެކަން އެގޮތަށް ކުރެއްވުމަށް ގަސްތު ކުރައްވާ ކަމަށާ، ނަމަވެސް އެއީ ވަޢުދުފުޅެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައްޔިތުން އެދިވަޑައިގަންނަވަނީ ނަމަ، ކުރިއަށް އޮތް 4 އަހަރު ނިމިގެން ދާއިރު ރ.ވާދޫއަކީ މި ރޮނގުން މޮޑެލް ރަށަކަށް ހައްދަވަން ބޭނުންފުޅު ކަމަށާއި، މުޅި ރަށް އެއްކޮށް، އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ވުން އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދާއިމީ ގޮތެއްގައި ކުނީގެ މައްސަލައަށް ޙައްލު ގެންނަވާނެ ކަމާއި، އެކަން ހަމަޖެހިގެން ދާއިރު، މިހާރު ދޫކުރަން ހަމަޖެހިފައިވާ ގޯތިތަކުގެ މައްސަލަވެސް ފަސޭހަ ކަމާއެކު ހަމަޖެހިގެންދާނެކަމުގެ ޔަޤީންކަން އެބަ އޮތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: