ރާއްޖޭގެ ފުލުހުންގެ މުއައްސަސާގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށްޓަކައި އިންޑިއާގެ ފުންނާބު އުސް ތަމްރީނުދޭ މަރުކަޒުތަކާއިއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުންގެ މުއައްސަސާއިން މައުލޫމާތު ދީފައިވާގޮތުން ދިވެހި ފުލުހުނުްގެ އިސް ވަފުދެއް މި މަހުގެ 12 ވަނަ ދުވަހުން 17 ވަނަ ދުވަހަށް އިންޑިއާއަށް ދަތުރުކޮށްފައިވެއެވެ. މި ދަތުރުގެ މަގުސަދަކީ ފުލުހުންގެ ހިދުމަތުގެ ތަހުގީގީ އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށްޓަކައި އެ ގައުމުގެ ފުންނާބު އުސް ތަމްރީނުދޭ މަރުކަޒުތަކާއިއެކު މީގެ ކުރިން ވެފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ. ދަތުރުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން އިސްކޮށް ހުންނެވިއިރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރުއާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ފާއިޒްގެ އިތުރުން އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އިޝާމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ މުއައްސަސާއިން މައުލޫމާތު ދީފައިވާގޮތުން ގާއިމުކުރެވިފައިވާ އެއްބަސްވުމުގެ ސަބަބުން ހާއްސަ ތަހުގީގުތަކާއި، ސައިބަރ ފޮރެންސިކްސްގެ އިތުރުން އިންޓެލިޖެންސް ދާއިރާއިން މަތީ ފެންވަރުގެ ތައުލީމާއި ތަމްރީނު ލިބިގަތުމުގެ މަގު ފަހިވެފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި މަތީ ފެންވަރުގެ ފޮރެންސިކްސް ލެބޯރަޓޯރީއެއް ބިނާކުރުމަށްވެސް ފަހިވެގެންދާނެކަމަށް ފާހަގަކޮށްފައިވެއެވެ.
އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ގުޖުރާތުގެ ނޭޝަނަލް ފޮރެންސިކް ސައިންސް ޔުނިވަރސިޓީގެ ކެމްޕަހެއް ގާއިމުކުރުމަށްވެސް ހުށައަޅާފައިވާއިރު ޒަމާނީ ޑިޖިޓަލް ފޮރެންސިކް ލެބޯޓަރީއެއް ތަރައްއްގީކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަންވެސް ހާމަކޮށްފައިވެއެވެ. އިންޑިއާގެ ރަޝްޓްރިޔާ ރަކްޝާ ޔުނިވަރސިޓީންވަނީ އެމްޕީއެސްގެ 5 އޮފިސަރުންނަށް ސްކޮލަރޝިޕް ފުރުސަތު ދިނުމަށާއި، ދެ ކެމްޕަހުގައި ކިޔަވައިދޭ ކޯސްތަކާއި، މާލީ ކުށްތަކާއި ކަނޑުގެ ސަލާމަތާ ގުޅޭ މަތީފެންވަރުގެ ތަމްރީނުތައް ހިންގުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

