ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯމް ޓީމުން ހުށައެޅި ފޯމުތަކުގެ އަދަދުންވެސް ޑީއެންއާރްއާއި ގުޅޭ ތުހުމަތުތަކުގެ އަސްލެއް ނެތްކަން އެނގޭނެ: އަބްދުލްމަޖީދު

ސްޓޭޓް މިނިސްޓަރ އަބްދުލްމަޖީދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އާ ގުޅޭގޮތުން ކުރެވެމުންދާ ތުހުމަތުތަކުގެ އަސްލެއް ނެތްކަން ހޯމް ޓީމުން ހުށައެޅި ފޯމުތަކުގެ އަދަދުންވެސް އެނގޭނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޑީއެންއާރްގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަބްދުލްމަޖީދު ވިދާޅުވީ، ޑީއެންއާރްގެ ޑާޓާބޭސްގައި ހުރީ ހަމައެކަނި 1700 މީހުންގެ މައުލޫމާތު ނޫން ކަމަށެވެ. އަދި ހޯމް ޓީމުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ހުށައަޅާފައިވަނީ 1700 ފޯމު ކަމަށްވުމުން، އަދަދުތަކަށް ބަލާލުމުންވެސް ކުރެވެމުންދާ ތުހުމަތުތަކުގެ ފަހަތުގައި އަސްލެއް ނެތްކަން ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުލްމަޖީދު ވިދާޅުވީ، ޑީއެންއާރްގެ މީޓިންގ ރޫމެއް ޕީޕީއެމްގެ ފޯމުތައް ފުރުމަށް ބޭނުންކުރި ކަމަށް ކުރެވޭ ތުހުމަތާ ގުޅޭގޮތުން، އެ ތަނަކީ ވަކިން ހުރި ތަނެއްކަން ނޫސްވެރިންނަށް ފެނިފައިވާނެ ކަމަށެވެ. އަދި އެ ތަން ހުރީ މަސައްކަތްތަކުގެ މާހައުލާ ވަކިން، މަސައްކަތްތަކާ އެއްވެސް ގުޅުމެއް ނެތް ގޮތަކަށް ކަމަށާއި، އެހެނިހެން މުއައްސަސާތަކުން އެދުމުންވެސް އެ ތަން ބޭނުންކުރެވޭ ގޮތަށް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ޑީއެންއާރްގެ ޑާޓާބޭސްއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައުލޫމާތު ހިމެނޭ ޑާޓާބޭސްއެއް ކަމަށާއި، އެ ޑާޓާބޭސްއަށް ވަދެވެނީ ހަމައެކަނި ޑީއެންއާރްއަށް ނޫން ކަމަށެވެ. އޭގެ ތެރޭގައި ތަހުގީގީ އިދާރާތަކާއި ހޮސްޕިޓަލްތައްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުލްމަޖީދު ވިދާޅުވީ، ސީރިއަސް ތުހުމަތުތަކެއް އޮތްނަމަ، ކަމާ ގުޅޭ ސަރުކާރުގެ އިދާރާތަކުން އެ މައްސަލަ ބަލައި ތަހުގީގުތައް ކުރިއަށް ގެންގޮސް، އެއްވެސް އަސްލެއް އޮތްކަމަށްވާނަމަ އެކަމެއް ހާމަކުރުމުގެ މަސައްކަތްތައް ޒިންމާ އެޅިފައިވާ މުއައްސަސާތަކުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި  ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ޑީއެންއާރްގެ ޑާޓާބޭސްގެ ބޭނުން ހިފައިގެން ޕާޓީއަށް މެމްބަރުން އިތުރުކުރުން ނަމަ، ކެބިނެޓް މިނިސްޓަރުން ހިމެނޭހެން މުޅި ޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން ނުކުމެ މެމްބަރޝިޕް ޑްރައިވްތައް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފެދޭ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ތުހުމަތުކުރާ ގޮތަށް އަމަލުކޮށްފައިވާނަމަ، 1700 އަށްވުރެ މާ ގިނަ އަދަދެއްގެ ފޯމުވެސް ހުށައެޅޭނެ ކަމަށާއި، އެ މަސައްކަތްތައް ކުރެވިފައިވަނީ ރަނގަޅު އިންތިޒާމެއްގެ މަތިން އެންމެންގެ ބައިވެރިވުމާއެކު ކަމަށެވެ. ހޯމްލޭންޑް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ކިބައިން މިނިސްޓަރ އެދިވަޑައިގެންނެވި އަދަދު ކޮންމެ މީހަކަށް ހަމަކުރެވުނު ނަމަވެސް 1700 އަށްވުރެ އިތުރުވެގެންދާނެ ކަމަށް އަބްދުލްމަޖީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އަބްދުލްމަޖީދު އަދި ވިދާޅުވީ، ޕާޓީއަކަށް ނިސްބަތްވާ ފޯމުތަކެއް ޑީއެންއާރްގެ ތެރޭގައި ފުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ވާހަކަ އެކި މާނައިގައި މުޖުތަމައުގައި ދެކެވެމުންދާކަން ފެނިގެންދާ ކަމަށެވެ. ނަމަވެސް، ކުރެވެމުންދާ ތުހުމަތުތަކުގެ ފަހަތުގައި ހަގީގަތެއް ނެތްކަން އަދަދަށް އެކަނި ވިސްނާލުމުންވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: