ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި އިތުރު ބައެއްގެ މައްޗަށް ދައުވާކުރަން ނިންމައިފި!

އެފްއޭއެމް އިން ބޭއްވި ކޮންގްރެސްއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަދައްކަވަނީ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި އިތުރު ބައެއްގެ މައްޗަށް ދައުވާކުރަން ނިންމާފައިވާކަން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދީފައިވާޣޮތުން އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާ ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގގެ ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާތަކެއް ކުރުމަށް މި މަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާކަމަށެވެ.

އެގޮތުން ގއ. ގެމަނަފުށި، ފެހިކުރި، މުޙައްމަދު ޢަގީލްގެ މައްޗަށް މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވާކަމަށާއި ސަބަބަކީ އަގީލް، 2013 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ހުރެ އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމުގައި ހުރި ބައްސާމް އަދީލް ޖަލީލުއަށް 26 ޖަނަވަރީ 2021 ދުވަހު އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕަރޓްމަންޓް ގަތުމަށް އެސޯސިއޭޝަންގެ އެކައުންޓުގައިވާ ފައިސާއިން އަމީން ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމަށްޓަކައި، ޗެކު ތައްޔާރުކޮށްދީ، 14 އޭޕްރީލް 2021 ދުވަހު އެ ޗެކު މެދުވެރިކޮށް އަމީން ކޮންސްޓްރަކްޝަނަށް އެއް މިލިއަން އެމެރިކާ ޑޮލަރު ޖަމާކުރުމުން އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްކަމަށް ދެއްކުމުގެ ގޮތުން އެ ޑޮލަރަށްވާ ދިވެހި ފައިސާ އެސޯސިއޭޝަނަށް ލިބިފައިނުވަނީސް އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން އެފްއޭއެމްއަށް ޖުމްލަ ފަނަރަ މިލިއަން ހަތަރު ލައްކަ ވިހިހާސް ރުފިޔާ ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް އެ ލިޔުން ތައްޔާރުކޮށްފައިވާތީކަމަށެވެ. އެހެންކަމުން އޭނާވަނީ އެސޯސިއޭޝަންގެ ފައިސާ ބޭނުންކޮށްގެން، އަމީން އެވެނިއުގެ އެޕަރޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑަރކުރުމަށް ބައްސާމްއަށް އެހީތެރިވެދީފައިކަމަށް ބުނެފައިވެއެވެ. 

އެ މުއައްސަސާއިންވަނީ މ. ހިރިނައިދޫ، ޙަސަން ވަޙީދުގެ މައްޗަށްވެސް ދައުވާކުރުމަށް ނިންމާފައެވެ. އޭނާގެ މައްޗަށްވެސް ކޮށްފައިވަނީ މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާކަމަށްވާއިރު ސަބަބަކީ 2014 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ އެކި މަގާމުތައް އަދާކުރަމުން އައިސް ބައްސާމްއަށް އަމީން އެވެނިއު އެޕާޓުމެންޓު ގަތުމަށް އަމީން ކޮނސްޓްރަކްޝަންއަށް ފައިސާ ދެއްކުމުގެ ގޮތުން އެސޯސިއޭޝަންގެ އެކައުންޓުގެ ޗެކެއް މެދުވެރިކޮށް 19 ޖަނަވަރީ 2021 ދުވަހު ޗެކްމާކް ކުންފުންޏަށް އެއްލައްކަ އެމެރިކާ ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް އެ ފައިސާއަށްވާ އެއް މިލިއަން ފަސްލައްކަ ސާޅީސް ދެ ހާސް ރުފިޔާ އެސޯސިއޭޝަނަށް ދެއްކުމުގެ ގޮތުން ޗެކްމާކް ކުންފުންޏާއި އައިއެސް އެންޓަރޕްރައިޒަސްއިން ދޫކުރި ޗެކުތަކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް އެހީވެފައިވާތީކަމަށެވެ.

ޙަސަން ވަޙީދުގެ މައްޗަށް އެސޯސިއޭޝަންގެ ޗެކެއް މެދުވެރިކޮށް 19 ޖަނަވަރީ 2021 ދުވަހު ޕްރޯ ސިނަރޖީ މެޑިކަލް ސިސްޓަމްސް އަށް އެއްލައްކަ އެމެރިކާ ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ އެއް މިލިއަން ފަސްލައްކަ ސާޅީސްދެހާސް ފަސްސަތޭކަ ރުފިޔާ އެސޯސިއޭޝަނަށް ދެއްކުމުގެ ގޮތުން ޕްރޯ ސިނަރޖީ މެޑިކަލް ސިސްޓަމްސްއިން ދޫކުރި ޗެކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް އެހީތެރިވެދިނުމުގެ ތުހުމަތުވެސް ކުރެއެވެ.

އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްވެސް ދައުވާކުރުމަށް ޕީޖީންވަނީ ނިންމާފައެވެ. އެގޮތުން މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާކުރުމަށް ނިންމާފައިވާކަމަށާއި ސަބަބަކީ ބައްސާމް އެފްއޭމްގެ ރައީސްގެ މަގާމުގައި ހުރިއިރު 14 އޭޕްރީލް 2021 ދުވަހު ފީފާއިން އެސޯސިއޭޝަންގެ އެކައުންޓަށް އެއް މިލިއަން ނުވަލައްކަ ނަވާރަހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު ޖަމާކުރުމުން އަމީން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށްޓަކައި، އެ ފައިސާގެ ތެރެއިން އެއް މިލިއަން އެމެރިކާ ޑޮލަރުނެގޭ ގޮތަށް ބައްސާމު އަމީން ކޮންސްޓްރަކްޝަނަށް ޗެކެއް ދޫކުރުމުން އެއީ އެފްއޭއެމްގެ ފައިސާކަން އެނގިހުރެ ބަލައިގަނެފައިވާތީކަމަށެވެ. 

ޕީޖީން ބުނެފައިވާގޮތުން އަމީން ކޮންސްޓްރަކްޝަނުންވަނީ އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުޢާމަލާތެއްކަމަށް ބަޔާންކޮށް، ބޭންކް އޮފް ސިލޯނަށް ސިޓީ ފޮނުވާފައިކަމަށާއި 14 އޭޕްރީލް 2021 ދުވަހު އަމީން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް އަށް އަނބުރާ ދެއްކުމަކާ ނުލައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ ނަގުދު ފައިސާއިން ދީފައިވާކަން ދެއްކުމުގެ ގޮތުން އަމީން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށް، މަނީ ލޯންޑަރކުރުމަށް އަމީން ކޮންސްޓްރަކްޝަންއިން ބައްސާމްއަށް އެހީތެރިވެދީފައިވާކަމަށެވެ.

އެހެންކަމުން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމުލަ އެއް މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަނުން ނަގައިދިނުމަށާއި އަމީން ކޮންސްޓްރަކްޝަންގެ މި ޢަމަލުގެ ސަބަބުން، ބައްސާމު ޢަދީލް ޖަލީލް ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް އެދިފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އަދި ބައްސާމްގެ މައްޗަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދެ ދައުވާގެ އިތުރުން މަނީލޯންޑަރިންގެ ދެ ދައުވާ ކޯޓަށް ހުށައެޅި އެ މައްސަލަ ކުރިއަށް ދާކަމަށްވެސް ބުނެފަިއވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: