މި އަހަރާއި ދައުރުގެ ބާކީ އަހަރުތަކުގެ ތެރޭގައި އުނގޫފާރު އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ އުނގޫފާރުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްޓަކައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ މާސްޓާޕްލޭން ސަރުކާރުން ހަދަން ފަށާފައިވާއިރު ދުރުރާސްތާއަށް ވިސްނައި ސަަރަހައްދީ ތަރައްގީގެ ވިސްނުމުގެ އިތުރުން ދެމެހެއްޓިނި ތަރައްގީގެ ވިސްނުމުގައި ރާއްޖޭގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ކަންތައްތަކެއް އިއުލާނުކުރައްވާފައިވާނެކަމަށެވެ.
ރައީސް ވިދާޅުވީ، ހުރިހާ ރައްޔިތުންގެ ދެމެދުވެސް ހަމަހަމަކަން އޮތްކަމަށް ދެކިވަޑައިގަންނަވާކަމަށާއި ކުޑަރަށްތަކާއި ބޮޑެތި ރަށްތަކުގެ ދެމެދު ފަރަގު ކުރުމެއް ނެތި ހިދުމަތްތައް ލިބެންޖެހޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދެމެހެއްޓިނިވި ގޮތެއްގައި ދުރުރާސްތާއަށް ވިސްނާއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރެއްގައި ހުރިހާ ހިދުމަތްތަކެއް ދެވޭނީ ރާއްޖެ އުފެދިފައި އޮންނަ ގޮތްވެސް ގަބޫލުކޮށް އެހެނިހެން އެފަދަ ހަގީގަތްތައް ބަލައިގަނެގެންކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެކަން ކުރެވޭނީ ސަރަހައްދީ ވިސްނުމުގައި ބައެއް ރަށްތައް ތަރައްގީކޮށްގެންކަމަށާއި ބައެއް ރަށްތަކަކީ އެންމެ މަތީ ފެންވަރުގައި ހިދުމަތްތައް ތަރައްގީކުރަންޖެހޭ ތަންތަންކަމަށެވެ. ރައީސް ވިދާޅުވީ، އިއުލާނުކުރެއްވީވެސް އެގޮތަށްކަމަށާއި ގަބޫލުކުރައްވަނީވެސް އެ އުސޫލުކަމަށްވާއިރު އެއީ ސަރުކާރުގެ ސިޔާސަތުކަމަށެވެ.
ރައީސް ވިދާޅުވީ، އެންމެ މަތީ ފެންވަރުގައި ހިދުމަތްތައް ގާއިމުކުރުމަށްޓަކައި 7 ރަށެއް އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރުމަށް އިއުލާނުކުރައްވާފައިވާނެކަމަށެވެ. އެއީ އުމްރާނީ ތަރައްގީގެގޮތުންނާއި ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރުން އިޖްތިމާއީ އަދި އިގްތިސާދީ ގޮތުންވެސް އެންމެ ފެންވަރު ރަނގަޅުކޮށް ކަންކަން ކުރެވިފައި ހުންނަން ޖެހޭނެ ތަންތަން ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެއީ ދެމެހެއްޓިނިވި ތަރައްގީގެ ވިސްނުމުން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ މަސައްކަތްތައްކަމަށާއި، ރ އުނގޫފާރަކީ އެފަދަ އާބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާނެކަމަށެވެ. ރައީސް ވިދާޅުވީ، އެއީ ބުރަ މަސައްކަތްތަކެއްކަމަށާއި މުޅި ސަރުކާރު ގުޅިގެން ކައުންސިލުތައްވެސް ހިމެނިގެން ރައްޔިތުންގެވެސް ޝާމިލުވުމާއިއެކު ކުރެވިގެންދާންޖެހޭ މަސައްކަތްތަކެއްކަމަށެވެ.
މިހާރު އެ މަސައްކަތްތައް ފަށާފައިވާއިރު، މި އަހަރާއި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އުނގޫފާރުގައި ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެކަންވެސް ރައީސް ހާމަކުރެއްވިއެވެ. އަދި އެއްފަދަ މަސައްކަތްތަކެއް ދެން ހުރި އާބަން ސެންޓަރުތަކުގައިވެސް ކުރިއަށް ގެންދާނެކަން ފާހަގަކުރެއްވިއެވެ.

