ރ އަތޮޅުގައި ޕާސްޕޯޓު ހެއްދޭނެ ހިދުމަތް ރައީސް ޑރ މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ.
އިމިގްރޭޝަނުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ރައީސް ޑރ މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަކަށް ދިވެހި ޕާސްޕޯޓޫގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށްޓަކައި މަސައްކަތްތައް ކުރެވެމުންދާކަމަށެވެ. އެގޮތުން އެ މަސައްކަތްތަކުގެ ތެރެއިން ރ އުނގޫފާރުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ރައީސް ވަނީ ރ އަތޮޅުގައި ޕާސްޕޯޓުގެ ހިދުމަތް އިފްތިތާހުކޮށްދެއްވާފައިކަމަށާއި، ޖެނުއަރީ 22 ވަނަ ދުވަހުން ފެށިގެން އިމުގާ މެދުވެރިކޮށް ހުށައަަޅާ ޕާސްޕޯޓުތައް ރ އުނގޫފާރުން ނެގުމުގެ އިންތިޒާމު ހަަމެޖެހިފައިވާކަމަށެވެ.
ރައީސް ޑރ މުއިއްޒުވަނީ މި ހަފްލާގައި ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުވަނީ ރާއްޖޭގެ ރަށްތައް ތަރައްގީކުރެއްވުމުގޮތުން ދުރުރާސްތާގެ ޕްލޭނެއްގެ އިތުރުން ސަރަހައްދީގޮތުން ތަރައްގީތައް ގެނައުމުގެ ވިސްނުންފުޅުވެސް ހިއްސާކުރައްވާފައެވެ. އަދި އެ ހުރިހާ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގެ މަތިން ކުރިއަށް ގެންދެވުމަށް އިސްކަން ދެއްވާކަން ހާމަކުރެއްވިއިރު، އުނގޫފާރަކީ އާބަން ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި މި އަހަރާއި ދައުރުގެ ބާކީ އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަންވެސް ހިއްސާކުރެއްވިއެވެ.

