ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމަށް ދަޢުވަތު ދެއްވައިފިއެވެ.
މި ދަޢުވަތުގެ މަޤްޞަދަކީ މޫސުމީ ބަދަލުތަކުން ނާޒުކު ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް އަމިއްލަ ލޮލުން ބައްލަވާލެއްވުމަށް ފުރުޞަތު ދެއްވުމެވެ.
ރައީސް ނަޝީދު މި ދަޢުވަތު ދެއްވީ އެމެރިކާ ޕެރިސް އެގްރިމެންޓުން ވަކިވުމާ ގުޅިގެން އެކަމާމެދު ކަންބޮޑުވުންފާޅު ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޕެރިސް އެގްރިމެންޓަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް 196 ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ވެފައިވާ މުހިންމު އެއްބަސްވުމެކެވެ.
ރައީސް ނަޝީދު ވިދާޅުވީ، ”އަޅުގަނޑުމެންގެ ކުދިކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ރައީސް ޓްރަމްޕަށް އަމިއްލަފުޅަށް ބައްލަވާލެއްވުމަށް ފުރުޞަތު އެރުވުމަކީ މުހިންމު ކަމެއް. މިކަމުން އެމެރިކާ އަލުން ޕެރިސް އެގްރިމެންޓުގައި ބައިވެރިވުމަށް މަގުފަހިވެދާނެކަމަށް އަޅުގަނޑު އުންމީދުކުރަން.“

