ހުޅުމާލޭގައި އެސްޖޭ ކޮންސްޓްރަކްޝަންސްއިން އަޅަން ފެށި މިސްކިތަށް ބޭނުންވާ ތަކެއްޗަކީ ޑިއުޓީ ފްރީ ތަކެތިކަމުގައި ދެކެވޭ ވާހަކަ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ.
2022 ގެ 23 ޖެނުއަރީ ގައި އެސްޖޭ ކުންފުނިން ހުޅުމާލެގައި އަޅަން ފެށި މިސްކިތް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، އަލުން ފެށުނީ މި ސަރުކާރު އައިފަހުކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.
މިނިސްޓްރީއިން ބާރު އަޅައިގެން މިސްކިތް އަވަހަށް ނިންމަންކުރަންޖެހޭ ކަންކަން ދަނީ ކުރަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަޅުގަނޑުވާނީ އެތަނަށް ޒިޔާރަތްކޮށް ދިމާވެފައި ހުރި ދަތިތައް ވެސް ބަލާފަ. ޙައްލުކުރަންޖެހޭ ކަންކަން ޙައްލުކޮށްދެމުން މިދަނީ.
ޝަހީމް ވިދާޅުވިއެވެ.
މި މިސްކިތް އަޅަން ގެންނަ ތަކެއްޗަކީ ޑިއުޓީ ފްރީ ތަކެތިކަމުގައި ދެކެވޭ ވާހަކައަކީ ދޮގުވާހަކައެއްކަމަށްވެސް ވިދާޅުވިއެވެ.
2022 ގައި މަސައްކަތް ފެށިފަހުން މިއަދާހަމަ އަށް މި މިސްކިތުގެ މަސައްކަތަށް ގެނައި އެއްވެސް އެއްޗަކުން ޑިއުޓީ މާފްކޮށްފައި ނުވާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، މިސްކިތް ނިންމުމަށް ކުރެވޭ މަސައްކަތުގައި އެސްޖޭ ކުންފުނީގެ އެހީތެރިކަން ލިބެމުންދާކަމަށެވެ.
މިސްކިތުގެ މަސައްކަތްތަކުގެ ޓައިމްލައިން:
15/02/22 – ގައި ބިން ހަވާލުކުރެވުނު
23/03/22 – ގިބްލަ މާކްކޮށް ދޭން މިނިސްޓްރީގައި އެދުނު
20/11/22 – ގިބްލަ މާކްކޮށް ދޭން އެދުނުތާ 252 ދުވަސް ވީއިރުވެސް ގިބްލަ މާކް ނުކޮށްގެން ގިބްލަ މާކް ކޮށްދިނުމަށް އެދި ދެވަނަ ފަހަރަށް ސިޓީ ފޮނުވުނު
18/12/22 – މިނިސްޓްރީން ގޯތީގެ އިން ވަކިކޮށްދިން (ގިބުލަ ޖަހައިނުދޭ)
19/12/22 – މިނިސްޓްރީން ގޯތީގެ އިންވަކިކުރީ ނުބައިކޮށްކަމަށް އެޗްޑީސީން އެންގި
02/01/23 – ގޯތީގެ އިން ވަކިނުކުރެވި މަސައްކަތް ހުއްޓިވާތީ ގެއްލުންވާކަމަށް އެސްޖޭ އިން މިނިސްޓްރީއަށް އެންގި
24/01/23- 02/01/23 ގައި ފޮނުވި ސިޓީއަށް ޖަވާބު ނުލިބޭތީ އިތުރު ސިޓީއެއް ފޮނުވުނު
03/01/23 – އިންވަކޮށް އަލުން މަސައްކަތް ފަށަން އެންގި
09/02/23 – ކުރެހުމާއި ގޯތީގެ ބޮޑު މިން ދިމާނުވެގެން އެމައްސަލަ ހައްލު ކުރުމަށް އެދެނު
02/04/23 – ސެޓްބެކް މައްސަލަ ހައްލުކޮށްދީ އަލުން މަސައްކަތް ފަށަން އެންގި
17/05/23 ފައުންޑޭޝަން އިންޕެކްޝަނަށް ރިކްއެސްޓް ކުރެވުނު
28/05/23 އިންޕެކްޝަން ހަދާނުދީގެން ރިމައިންޑަރ ފޮނުވުނު
24/06/23 ގައި ފައުންޑޭޝަން އިންޕެކްޝަން ހަދާދީ ކޮންކްރީޓް އެޅުމަށް ހުއްދަދެވުނު

