ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމު ހާސިލްކުރުން؛ ކަނޑުގައި ރޮނގެއް އެޅުންފަދަ ކަމެއް؟

ޝެއާރކޮށްލާ ކަހަލަދޯ؟

”ތައުލީމު ހާސިލް ކުރުމަކީ ކަނޑުގައި ރޮނގެއް އެޅުން ފަދަ ކަމަކަށް ވެއްޖެއެވެ.“ މި ޖުމްލަ ވަރަށް ގިނައިން އަޑު އަހައިފީމެވެ. ދިވެހިރާއްޖެއަކީ ތައުލީމަށް ފޯރި ހުންނަ، ތައުލީމު ހާސިލްކުރަން ބާރު އަޅާ އަދި ފަހި ފުރުސަތުތަކެއްވެސް ހުރި މުޖުތަމައުއެއް އޮންނަ ގައުމެކެވެ.

މި ގައުމުގައި ތައުލީމު ހާސިލް ކުރުމަށް އުނގެނުމަށް މީހުން ބޭނުންވާ ވަރު ދަނީ އަހަރަކުން އަހަރެއް މަތި ވެގެންނެވެ. ތައުލީމު ހާސިލްކުރަނީ ހަމައެކަނި މީހަކު ޑޮކްޓަރަކަށް، އިންޖީނިއަރަކަށް ނުވަތަ ޕައިލެޓަކަށް ވާކަށް ނޫނެވެ. ކޮންމެ ދާއިރާއެއްގައިވެސް އެކަމަށް ގާބިލް ބަޔަކު ތިބުމަކީ މުހިންމު ކަމަކަށް ވަތީ، އަދި އޭގެން ނިކުންނާނެ ނަތީޖާއަކީ ހިތި އެއްޗެކަށް ނުހެދުމަށްޓަކައި މީހުން އެކަމުގެ ތަޖުރިބާ އާއި އެކަމެއްގެ ތައުލީމް ހާސިލްކުރެއެވެ.

ދިވެހިރާއްޖެއަކީވެސް ވަރަށް ބައިވަރު ދާއިރާތައް އޮންނަ ގައުމެކެވެ. ކިޔެވުމާއި ވަޒީފާ އަދާކުރުމަށް އެތައް ދާއިރާއެއް އެބައޮތެވެ. އެމީހަކު ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތުތައް އޮތީ ތަންމިނަށް ހުޅުވާލެވިފައެވެ. ރާއްޖޭގައި މީހުން ކިޔަވާ މިންވަރަށް ބަލާނަމަ އެއް އަހަރުން އަނެއް އަހަރަށް ދަސްވެނިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ކިޔަވައިގެން ރަނގަޅު ސެޓްފިކެޓެއް ނެތް މީހަކު ރާއްޖޭގައި މަދުވާނެއެވެ.

މީހެއްގެ އުމުރުގެ ދެބައިކުޅަ އެއްބައި އޭނާ ތައުލީމަށް ހޭދަކުރާއިރު، އެއީ އަލުން އަނބުރާ ދެން ނުލިބޭނެ ވަގުތެވެ. ބުރަ މަސައްކަތާއި، ވަރަށް ބައިވަރު ފައިސާއެވެ. ތައުލީމަށް އަމިއްލަ އުމުރު ހުސްކޮށްލަނީ ރަނގަޅު ވަޒީފާއެއް އަދާކުރުމުގެ ނިޔަތުގައި އެކަންޏެއްވެސް ނޫނެވެ. ތިމާ ނިކުންނަށް ގަސްދުކުރާ ދާއިރާގައި ފައިހަމަކޮށްލާނީ ތަޖުރިބާ އާއި އެމަސައްކަތެމަސައްކަތެއްގެ ފުރިހަމަ މައުލޫމާތާއި ހުނަރުހުރެގެންކަމަށް ހިތުނިޔަތްވެސް ގެންނެވެ. ތައުލީމީ ގާބިލް ކޮންމެ މީހަކީވެސް މި ފަސްގަނޑަށް ވަރަށްވެސް އަގުބޮޑު ހަޒާނާއެކެވެ.

ރާއްޖޭގައި އެކި ދާއިރާތަކަށް މީހުން ބޭނުންވާ މިންވަރު ގިނައެވެ. ބޭނުންވަނީ ތައުލީމީ ގާބިލް މީހުންނެވެ. އެހެންނަމަވެސް ހަގީގަތަށް ޖެހިލާނަމެވެ. ރާއްޖޭގައި އަހަރަކު އެތައް ހާސް މީހުންނެއް ތައުލީމް ހާސިލްކޮށްގެން ނިކުތަސް އޭގެން ކޮންމެ މީހެއްގެ މޫނުމަތީގައި އައިސް ޖަހަނީ އެންމެ ބަހެކެވެ. ”ނުފޫޒު“ މިއީ ވަރަށްވެސް ބާރުގަދައެއްޗެކެވެ.

މިޒަމާނުގައި ތައުލީމަށްވުރެ މޮޅު ސެޓްފިކެޓަކީ ނުފޫޒެވެ. އޭނާ އަކީ ބޭރުގެ ކިތަންމެ މޮޅު ޔުނިވަސިޓީއެއްގެ ސަނަދެއް އޮތް މީހަކު ކަމުގައި ވިޔަސް އޭނާގެ އަތުގައި ”ނުފޫޒު ގެ ސެޓްފިކެޓް“ ނެތް ނަމަ އެއީ ބޭނުންތެރި މީހެއްނޫނެވެ. މިއީ އެއްގޮތަކަށްވެސް އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. ރާއްޖޭގައި އަބަދުވެސް ކަން ހިނގަމުން އައިގޮތެވެ.

މިގައުމު އާރާސްތު ކުރުމުގައި، ދާއިރާތަކުގެ މުގުލުގައި ތިބި މީހުންނަކީ ތަޖުރިބާއާއި، ތައުލީމާއި، ތަމްރީނު ލިބިފައިވާ ބަޔަކަށް ވާންޖެހެއެވެ. އެމީހުންނަކީ ތައުލީމަށް ބާރުއަޅާ، އެކަމަށް ނަމޫނާ ދައްކަން ޖެހޭ ބަޔަކަށް ވާން ޖެހެއެވެ. އެހެންނަމަވެސް ރައްޔިތުން ތަމްސީލްކުރިއަސް، މިނިވަން މުވައްސަސާތައް ތަމްސީލް ކުރިއަސް އަދި ތަންފީޒީ އިދާރާތައް ތަމްސީލްކުރިޔަސް އޭނާއަކީ އިލްމެއް ނެތް މީހެއްނަމަ އޭނާގެ ބޭނުމެއް ނެތެވެ.

ރާއްޖޭގައި ވެރިކަމުގެ އެތައް ދައުރެއް ހިނގައިގޮސްފިއެވެ. އެހެންނަމަވެސް މިބުނާ ނުފޫޒު ދިޔަ މަންޒަރެއް ނުފެނެއެވެ. ތަންތަނުގެ ވެރިންނަށް ލަނީ އެބަޔަކު ހިތް ރުހޭ މީހެކެވެ. ނުވަތަ އެމީހަކަށް އޭގެން ފައިދާއެއް ވާނެ މީހެކެވެ. މިއީ އޮޅުވާލެވެން ނެތް ހަގީގަތެކެވެ. ރާއްޖޭގައި ފެންނަން އޮތީ ދެފުށެވެ. އެއީ ތައުލީމަށް ބާރު އަޅާ ފުށެކެވެ. އަނެއް ފުށަކީ ކިތަންމެ ތައުލީމެއް ހާސިލްކޮށްފައިވާ، ގާބިލް މީހެއްވިޔަސް ހިތް ނުރުހޭނަމަ އޭނާއަށް ހުރި ފުރުސަތުތައް ގެއްލޭ ފުށެވެ. އެތަނެއްގައި ތައުލީމެއް ނެތް ނަމަ، ދެން އެތަނެއް ކުރިއަރައިގެން ނުދާނެއެވެ.

އަހަރެމެން އަބަދުވެސް ވާން ބޭނުންވަނީ، ސިންގަޕޫރާއި، އެމެރިކާއާއި ފަދަ އެއްވަނަ ނަންބަރުގެ ގައުމުތަކަށެވެ. އެހެންނަމަވެސް އެގައުމުތައް ކުރިއަރަނީ ތައުލީމަށް އިސްކަން ދޭތީއެވެ. މައްޗަށް ހުރި ތާނގިއެއް އުއްޑުންވެސް ޖަހަން ނޭނގޭ ބަޔަކުލައިގެން ގައުމު ހިންގަން އުޅެފިނަމަ ކަން ވާނެ ގޮތް ރާއްޖޭގެ ތާރީޚުން ސާފުވާނެއެވެ. ގައުމުގައި ކިޔަވައިގެން ތިބި ގާބިލް މީހުން މަދެއް ނޫނެވެ.

އިޚްލާޞްތެރި، ވަކި ފަޅިއަކަށް ނުޖެހި، މިނިވަންކަމާއިއެކު، ލިބިފައިވާ ތަމްރީނުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެ މުޖުތަމައެއް ބިނާ ކުރަން ބޭނުންވާނަމަ ފުރަތަމަ ޖެހޭނީ އެ ނަމޫނާ ދައްކާށެވެ. އެހެންނަމަވެސް ބަޔަކު ކުރި ބުރަ މަސައްކަތަކީ ”ކަނޑެއްގައި ރޮނގެއް އެޅުން“ ފަދަ ކަމެއްގެ ގޮތުގައި ސިފަވާގޮތަށް މަސައްކަތް ބައްޓަން ވެއްޖެނަމަ އެތަނެއް ދާނީ ފަސާދަވެގެންނެވެ.

ޅެންވެރިޔާ ބުނަނީ ”ތައުލީމު ނެތިމަތާކު ޒަމާނާ އެކުވެގެން، ތަން ދާނެޔޭ ބުއްދީގެ މަގުން އެއްކިބާވެގެން“… މި ޅެންބައިތުން ދޭހަވާ ފަދައިން، ތައުލީމަކީ މުޖުތަމައުގެ ކުރިއެރުމާއި ތަރައްޤީއަށް ކޮންމެހެން ބޭނުންވާ އަސާސެކެވެ. ތައުލީމު ނެތް ތަނެއްގައި ތަރައްޤީއެއް ނުވާނެއެވެ. އަދި އެފަދަ މުޖުތަމައެއް ޒަމާނާ އެކު ކުރިއަށް ދިއުމުގެ ބަދަލުގައި ފަހަތަށް ޖެހިގެންދާނެއެވެ.

އަޅުގަނޑުގެ ހިޔާލުގައި ތައުލީމު ހާސިލްކުރުމަކީ އެއްވެސް ހާލެއްގައި ކަނޑުގައި ރޮނގެއް އެޅުން ފަދަ ކަމަކަށް ވެގެން ނުވާނެއެވެ. ތައުލީމަކީ ހަމައެކަނި ސަނަދެއް ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ އަމިއްލަ ނަފްސާއި މުޖުތަމައު އަދި ޤައުމު ތަރައްޤީކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ދެކެންޖެހެއެވެ.

ތައުލީމީ ގާބިލު މީހުންނަށް އެކަށީގެންވާ ފުރުޞަތުތައް ދިނުމާއި، ނުފޫޒުގެ ބަދަލުގައި ޤާބިލިއްޔަތަށް އިސްކަންދިނުމަކީ ޤައުމުގެ ކުރިއެރުމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ. އަޅުގަނޑުމެންގެ މުޖުތަމައުގައި މިފަދަ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެކެވެ. އޭރުން އަޅުގަނޑުމެންނަށް ތައުލީމުގެ ހަޤީޤީ އަގު ވަޒަންކުރެވި، އޭގެ ފޮނިމީރުކަން ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: