އެއްވެސް އިންޓްރެސްޓަކާއި ނުލައި އޮޑި ދޯނި ފަހަރު ބަންނަ މީނުންނަށް ލޯނު ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންނަމާދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ ރަށުގެ މާވަޑިންގެ ކަންބޮޑުވުމަކީ ފައިސާ ހޯދުމުގައި އޮތް ދަތިކަމެއް ކަމަށެވެ. އެހެންކަމުން ލޯނުގެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލުއި ގޮތެއްގައި ރަހުނަކާއި ނުލައި ލޯނު ނެގޭނެ ގޮތް ބޭންކިން ނިޒާމުގެ ތެރެއިން ހަމަޖައްސައިދެއްވާނެ ކަމަށެވެ. ލޯނު ނެގުމުން ރާއްޖޭގެ އެކި ކަންކޮޅުތަކާއި، އަދި ރ އަތޮޅުގައި ވެސް މަސައްކަތްކުރާ މީހުންނަށް އިންޑަސްޓްރީ ފުޅާކުރަން ފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޮޑިދޯނި ބަނުމުގެ ދާއިރާ ހާއްސަ ކުރަން ބޭނުންފުޅު ވަނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. އަދި މި ދާއިރާއަށް ޒުވާނުން ވަނުމަށް އޮތް ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެ ދާއިރާއިން ސަރުކާރުގެ އެކި މަޝްރޫއުތައް ދިނުމުގައި ވެސް އިސްކަން ދޭނީ ދިވެހިންނަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކު މި ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު މަދުކަމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ރައީސް ވަނީ އިންނަމާދޫގައި މި ދާއިރާއިން މީހުން ތަމްރީނު ކުރުމަށް މަރުކަޒެއް ގާއިމު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

