ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގައި މެމްބަރުން ހަމަނުވާކަން އެ ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކޮމިޝަނުގެ ރަސްމީ ވެބްސައިޓުން ދައްކާ ގޮތުގައި ޕީއެންއެފްގައި މިވަގުތު ތިބީ 2822 މެމްބަރުންނެވެ. ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3000 މެމްބަރުން ހަމަވާން ޖެހެއެވެ.
އެކަމާ ގުޅޭގޮތުން ސަންގުން ސުވާލު ކޮށްލުމުން ކޮމިޝަނުގެ މެމްބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، ޕީއެންއެފްގައި މިވަގުތު 3000 މެމްބަރުން ހަމަނުވާ ކަމަށާއި، އެހެންނަމަވެސް އެ ޕާޓީން 200 ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
ޤާނޫނުގައި ބުނާ ގޮތަށް ޕާޓީއަށް ނޯޓިސް ދިނުމާއި ނުދިނުމާމެދު ގޮތެއް ނިންމަވާނީ އެ ފޯމުތައް ޕްރޮސެސްވުމުންކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. އެގޮތުން އަންނަ ހަފްތާގައި އެ މަސައްކަތް ނިމޭނެކަމަށް ބެލެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތައް ރަޖިސްޓާ ކުރުމަށްފަހު އެކި ސަބަބުތަކާހުރެ 3000 މެމްބަރުން ހަމަނުވާ ޙާލަތްތައް އައިސްފިނަމަ މެމްބަރުން ހަމަކުރުމަށް 3 މަސް ދުވަހުގެ ނޯޓިސްއެއް ކޮމިޝަނުން ޕާޓީތަކަށް ދެއެވެ. އެ މުއްދަތުގައި މެމްބަރުން ހަމަ ނުވެއްޖެނަމަ ޤާނޫނުގައިވާ ގޮތުގެ މަތިން ޕާޓީ އުވާލެވެއެވެ.

