މި އަހަރުގެ ބަޖެޓު މެދުވެރިކޮށް ޕަބްލިކްވޯކްސްއަށް ހާއްސަ ދެ ޔުނިޓު ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކުރުމަށް ނިންމާފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. މާކުރަތު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަމަށާއި، އެކި ސަބަބުތަކާހުރެ މިހާތަނަށް އެ މަސައްކަތްތައް ނުކުރެވި ހުރިނަމަވެސް، ރައްޔިތުންގެ އެދުމާ އެއްގޮތަށް ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ނަތީޖާ ނެރެދެއްވާނެކަމުގެ ޔަޤީންކަން ސަރުކާރުން އަރުވާކަމަށެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރަން ޖެހިފައިވާ ބައެއް މަސައްކަތްތަކަކީ އެމަނިކުފާނު ހައުސިންގ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރު ކުރިއަށް ގެންދަވަން މަސައްކަތް ކުރެއްވި ކަންތައްތަކެކެވެ.
މީގެ ތެރޭގައި ބަނދަރާއި ޕަބްލިކް ވޯކްސް ސައިޓުގެ މަސައްކަތްތައް ހިމެނެއެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އޭރުގެ ކައުންސިލުތަކާއެކު މަސައްކަތް ކުރެއްވި ނަމަވެސް، އެކި ސަބަބުތަކާ ގުޅިގެން ނިމިދިޔަ ދައުރުގައި އެ މަސައްކަތްތައް ކުރިއަށް ނުގެންދެވި ހުއްޓިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު އަލުން އެ މަސައްކަތްތައް ނިންމުމުގެ ފުރުޞަތު ލިބިވަޑައިގެންފައިވާތީ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް އެ މަސައްކަތްތައް ނިންމަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، ބަނދަރުގެ މަސައްކަތްތަކާއެކު ރަށްގިރުމުގެ މައްސަލައަށް ޙައްލު ހޯދުމަށްޓަކައިވެސް މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. އަދި ބަނދަރާއި ޕަބްލިކް ވޯކްސް ސައިޓު ޤާއިމުކުރުމުގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

