އެއް އަހަރު ދުވަހުގެ ހިމޭންކަމަކަށްފަހު، އެމްޑީޕީން މިހާރު އަލުން ހަރަކާތްތެރިވާން ފަށާފައިވާއިރު، އެ ޕާޓީގެ ހަތަރު ލީޑަރުން ފާހަގަކުރެވޭ ކަމަށާއި، ނަމަވެސް އެ ހަތަރު ބޭފުޅުން ވަކިވަކި މަގުތަކަކުން ކުރިއަށް ދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ނަޝީދު ވިދާޅުވީ، އެމްޑީޕީން ސަރުކާރާ ދެކޮޅަށް މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވެފައިވަނީ ސަރުކާރުގެ ވަކި ކަމެއް ވަކި ހިސާބަކަށް ގޮސްގެން ނޫން ކަމަށެވެ. އަދި އެއް އަހަރުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް އެ ޕާޓީއަށް ގަބޫލުކުރެވުނު ކަމަށާއި، ޓްރާންސިޝަން މަރުހަލާގެ ތެރޭގައި އޭރުގެ ވެރިން ތިއްބެވީ ކޮންމެ ތަނެއްގައިވެސް ހުރި ތިޖޫރީ މައްޗަށް ދެފަރާތަށް ދެ ފައި ބާއްވައިގެން ކަމަށް ވިދާޅުވިއެވެ.
މެންބަރު ނަޝީދު ވިދާޅުވީ، ރާއްޖެ އޮތް މާލީ ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށް އެ ޕާޓީން ހީކުރި ކަމަށާއި، އެއް އަހަރުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވެގެންދާނެ ކަމަށް ބަލަމުން އައި ކަމަށެވެ. އަދި މިހާރު އެމްޑީޕީން މަގުމަތީގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބަހަމުންދާ ކަރުދާސްތަކަކީ މިހާރު ޕްރިންޓުކޮށްގެން ގެންގުޅޭ ތަކެތި ނޫން ކަމަށާއި، ވެރިކަމުން ފޭބި ދުވަހު އެ ތަކެތި ތައްޔާރުކުރި ކަމަށެވެ. ސަބަބަކީ އޭރުވެސް ގައުމު ސަލާމަތް ނުކުރެވޭނެ ކަމަށް ދެކުން ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެއް އަހަރު ފަހުން މަގުމައްޗަށް ނުކުންނައިރު ގައުމު އޮންނާނީ މާލީ ގޮތުން އިޔާދަ ނުކުރެވޭނެ ހާލަތުގައި ކަމަށް އެ ޕާޓީގެ ލީޑަރުން ދެކުނު ކަމަށާއި، ނަމަވެސް ކަން ވެގެންދިޔައީ އެގޮތަށް ނޫން ކަމަށެވެ. އަދި ރައީސް މަސައްކަތްތައް ކުރިއަށް ގެންދެވީ އެއަށްވުރެ މާ ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު ކަމަށާއި، ދަރަނިތައް ދެއްކުމަށްޓަކައި ވަގުތު ހޯއްދެވުން ފަދަ މަސައްކަތްތައް ކުރެވިއިރު މިހާރު ބަނގުރޫޓުވުމުން ގައުމު ސަލާމަތްކުރެވިއްޖެ ކަން ޔަގީންވެގެންދާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މެންބަރު ނަޝީދު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ފެށިގެންދާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަސައްކަތްތައް ފެށިގެންދިއުމުގެ ކުރިން މަގުމައްޗަށް ނުކުމެ ގައުމު ހަލަބޮލިކޮށްލެވޭނެ ކަމަށް އެމްޑީޕީން ހީކުރާ ކަމަށެވެ. ނަމަވެސް ހަގީގަތަށް ބަލާއިރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމިގެންދިޔައިރު ރާއްޖޭގެ ހާލަތު ގޯސްވެގެންދިޔަ މިންވަރު ދިވެހި ރައްޔިތުން ހަނދާން ނުނެތޭ ކަމަށާއި، އެ ޕާޓީން މަގުމައްޗަށް ނުކުންނަންޖެހޭ ސަބަބެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި، އެ ޕާޓީއާއެކު ނުކުންނާނެ ބަޔަކު ތިބި މަންޒަރުވެސް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
މެންބަރު ނަޝީދު އިތުރަށް ވިދާޅުވީ، އެއް އަހަރު ވެގެންދިޔައިރު އެއްވެސް ބަޔަކު ޕާޓީއަށް އަޅާލާފައި ނުވާ ކަމަށާއި، ޕާޓީގެ ލީޑަރަކީވެސް ކާކުކަން ސާފުނުވާ ކަމަށެވެ. އަދި އިދިކޮޅު ޕާޓީއެއްވެސް ހަގީގަތުގައި ނެތް ކަމަށާއި، ޒިންމާދާރު އޮޕޮޒިޝަނެއް އޮތުމަކީ މަލްޓިޕާޓީ ޑިމޮކްރަސީއެއްގައި ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އެކަމަށް އެދިވަޑައިގެންނެވި ނަމަވެސް އެފަދަ ޕާޓީއެއް ނެތް ކަމަށާއި، އެމްޑީޕީން ހަރަކާތްތެރިވާން ފެށީ ގައުމު ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްފައިވާ ކަމަށް ފެނުނު ހިސާބުން ކަމަށް ވިދާޅުވިއެވެ.

