އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ”ހާލު ކިހިނެއް؟“ ޕްރޮގްރާމު ރ. އަތޮޅުގެ ގިނަ ރަށްތަކުގައި ތަޢާރަފުކޮށްފިއެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ ތަޞައްވުރުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މީގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލަތު ވަޒަންކުރުމާއި، ދައުލަތުގެ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ފާހަގަކޮށް، އެފަދަ ފަރާތްތަކަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިހާތަނަށް ރ. މީދޫ އަދި ހުޅުދުއްފާރުގައި ގޭގެއަށް ޒިޔާރަތްކުރުމުގެ މަސައްކަތް ފެށިފައިވާއިރު، ރ. އިނގުރައިދޫ، ކިނޮޅަސް އަދި ފައިނުގެ އެންމެހައި ގޭބީސީތަކަށް ޒިޔާރަތްކޮށް ނިމިފައިވެއެވެ. މީގެ އިތުރުން، ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ވަނީ އާރާސްތުކުރެވިފައެވެ.
މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަން ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ވުޒާރާގެ ހޮޓްލައިން ނަންބަރު 1433 އަށް ގުޅައި އެކަމަށް އެދެވިދާނެއެވެ.

