ބޭންކުން ފޯރުކޮށްދިން މި އެހީތެރިކަމުގެ ސަބަބުން، މި ދެ ސްކޫލުގެ ޚާއްޞަ އެހީއަށް ބޭނުންވާ ކްލާސްތަކުގައި ކިޔަވަމުންދާ 200 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔެވުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި ދެ ސްކޫލަށް ބޭންކުން ފޯރުކޮށްދިން އެހީގެ ތެރޭގައި ކްލާސްރޫމްތައް މަރާމާތުކުރުމާއި، ދަރިވަރުން އުނގެނުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ. މި ކްލާސްރޫމްތަކަށް ހަދިޔާކުރެވުނު ތަކެއްޗަކީ ދަރިވަރުންގެ ޤާބިލުކަން އިތުރުކުރުމަށާއި، އެހެން މީހުންނާ ގުޅިގެން މުޖުތަމަޢުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކުރުމަށް އަދި އެ ދަރިވަރުންގެ ތަޢުލީމީ ބޭނުންތަކަށް ރިޢާޔަތްކޮށް ހޯދާފައިވާ ވަސީލަތްތަކެކެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލެއްގެ ޚާއްޞަ އެހީއަށް ބޭނުންވާ ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ހަދިޔާކޮށްފައިވެއެވެ. މީގެ އިތުރުން، ބޭންކުން ވަނީ ޢިމާދުއްދީން ސްކޫލުގައި ތެރަޕީ ރޫމެއް ޤާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮމްޕިއުޓަރ ލެބްތައް ތަރައްޤީކުރުމަށްވެސް ބޭންކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

