އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވި ގޮތުގައި މީގެ ކުރިން ޕާސްޕޯޓު ދޫކުރަމުން އައީ ހަމައެކަނި ރަސްމީ ދުވަސްތަކުގައެވެ. ނަމަވެސް މާދަމާއިން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކުވެސް ޕާސްޕޯޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޝަމްއާން އިތުރަށް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ހިމެނޭ ތިން އޮފީހަކުން ޕާސްޕޯޓު ދޫކުރެވޭނެއެވެ. އެއީ ވެލާނާގެ އެއްވަނަ ފަންގިފިލާއިންނާއި، އުމަރު ޒާހިރު ބިލްޑިންގ އަދި ވިނަރެސް ޓަވަރު ދޭއްގެ އެއްވަނަ ފަންގިފިލާގައި ހުންނަ އޮފީހެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، ޚިދުމަތް ދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް ޝަމްއާން ވިދާޅުވިއެވެ. އަދި މި ބަދަލާއެކު ސިއްހީ ކުއްލި ހާލަތެއްގައި ރާއްޖެއިން ބޭރަށް ދާންޖެހޭ ފަރާތްތަކަށް ކުރިއެކޭ ވެސް އެއްގޮތަށް 24 ގަޑިއިރު ޚިދުމަތް ލިބޭނެކަމަށްވެސް ޝަމްއާން ފާހަގަކުރެއްވިއެވެ.
އައިޑީ ކާޑާއި ޕާސްޕޯޓު ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މިހާރުގެ ސަރުކާރުގެ ސިޔާސަތެކެވެ. މި މަސައްކަތުގެ ދަށުން މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ލ. އަތޮޅާއި ދ. އަތޮޅަށް މި މަސައްކަތް ވަނީ މިހާރު ފުޅާކޮށްފައެވެ.
މި އައު ބަދަލާއެކު ގިނަ ރައްޔިތުންނަށް ފަސޭހަވެ، ޕާސްޕޯޓު ހެއްދުމުގެ މަސައްކަތް އަވަސްވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

