މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2025-2026 އަމާޒުކޮށް އެކުލަވާލާފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން މިއަދު ޝާއިއުކޮށްފިއެވެ. މި ޕްލޭނަކީ މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ ދަށުން އެކުލަވާލާފައިވާ ޕްލޭނެކެވެ.
މި ޕްލޭންގައި ކުރިއަށް އޮތް ދެ އަހަރަށް ރޭވިފައިވާ ހަރަކާތްތައް އަމާޒުކުރެވިފައިވަނީ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ބަޔާން ހުށަހެޅުމާއި، ފައިސާ ދެއްކުމާއި، ސައްހަ އަދަދު ރިޕޯޓުކުރުން ފަދަ މުހިންމު ދާއިރާތަކަށެވެ. އަދި މި ޕްލޭން އެކުލަވާލާފައިވަނީ އެކި ސިނާއަތްތަކުގައި ހުރި ރިސްކުތަކަށް ރިއާޔަތްކޮށް، އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ހަރަކާތްތައް ހިމަނައިގެންނެވެ.
މީރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްލޭންގެ ދަށުން ވަކިވަކި ދާއިރާތަކަށް އަމާޒުކޮށްގެން ރަޖިސްޓަރީކުރުވުމުގެ ޕްރޮގްރާމުތަކާއި، ހޭލުންތެރިކުރުމުގެ ސެޝަންތަކާއި، ޓެކުހާ ގުޅޭ ސުންގަޑިތައް ހަނދާންކޮށްދިނުމުގެ ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކުގެ އިލްތިޒާމްތައް މޮނިޓަރކުރުމާއި، ނުދައްކާ ހުރި ފައިސާ ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރުމާއި، ޓެކުހަށް މަކަރުހެދުން ހުއްޓުވުމަށް ފިޔަވަޅު އެޅުންވެސް ހިމެނެއެވެ.
މި ޕްލޭންގައި ސަރުކާރުގެ މުއައްސަސާތަކާއި، ތަންފީޒީ އިދާރާތަކާއި އަދި އެހެނިހެން މަސްލަހަތުވެރިންގެ މަޝްވަރާއާއެކު، އެ ފަރާތްތަކާ ގުޅުންހުރި ސިނާއަތްތަކުގެ ރިސްކުތަކަށް ހައްލު ހޯދުމަށް އިސްކަންދީފައިވާކަން ފާހަގަކުރެވެއެވެ. އަދި މި ފަރާތްތަކުން މަޢުލޫމާތު ހޯދައި، ނޮން-ކޮމްޕްލަޔަންސް ދެނެގަނެ ހުއްޓުވުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެކަމަށް މީރާއިން ބުނެފައިވެއެވެ.
މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ މައިގަނޑު މަޤްޞަދަކީ ޓެކްސް ދެއްކުމުގެ އިލްތިޒާމްތައް ފަސޭހަކޮށްދީ، އަމިއްލަ އިޚްތިޔާރުގައި ޓެކްސް ދެއްކުން އިތުރުކުރުމާއި، ތަންފީޒީ ފިޔަވަޅުތަކުގެ ޒަރީއާއިން ޓެކްސް ނުދައްކާ ފަރާތްތައް މަދުކުރުމެވެ. މި ޕޮލިސީގެ ދަށުން 2020 އިން ފެށިގެން މީރާއިން ދަނީ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންތައް ތަންފީޒުކުރަމުންނެވެ.

