ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ޙަމަލާދިން މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ހޮނިހިރު ދުވަހުގެ އަޑުއެހުމުގައި 7 ހެއްކެއްގެ ހެކިބަސް ނެގުމަށް ތާވަލު ކުރެވިފައި އޮތެވެ.
ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާއަކީ ޙާދިސާ ހިނގައިގެން އުޅުނުއިރު އެތަނުގައި ސައިކަލުގައި މަޑުކޮށްލި މީހެކެވެ. އޭނާ ކިޔާދިން ގޮތުގައި އޭނާ މަޑުކުރީ ކުރިމަތިން ދިޔަ ސައިކަލެއް އަރިއަޅާލައިގެން ދިއުމުން ކުޑަ ވަގުތުކޮޅަކަށެވެ. އެހެންވެ މަޑުކޮށްލުމަށްފަހު އަނެއްކާވެސް އެނބުރި ދިޔައީކަމަށް އެ ހެކިވެރިޔާ ކިޔާދިނެވެ. އޭރު ސައިކަލުގައި ތިބި ދެމީހަކު ޕޭމަންޓާ ދިމާއަށް ދިޔަ ކަމަށާއި، އިތުރަށް މަޑުނުކޮށް އޭނާވެސް ދިޔައީކަމަށް އެ ހެކިވެރިޔާ ކިޔާދިނެވެ. އެމީހުންގެ އަތުގައި 1 ފޫޓުގެ ”ވަކަރުކޮޅެއް“ ޒާތުގެ އެއްޗެއް އޮތްކަމަށްވެސް އެ ހެކިވެރިޔާ ކިޔާދިނެވެ.
އޭނާ ދުއްވަމުން ދަނިކޮށް މީހަކު ހަޅޭއްލެވި އަޑު އިވުނު ކަމަށާއި، ނަމަވެސް ގަޑިއަކަށް ތަނަކަށް ދާން ޖެހޭތީ މަޑުނުކޮށް ދިޔައީކަމަށް އޭނާ ކިޔާދިނެވެ.
ދެން ހާޒިރުވި ހެކިވެރިޔާއަކީ ޙަމަލާގެ ޙާދިސާއަށްފަހު ޝަމީމާ ދިމާވި މީހެކެވެ. އެއީ ޝަމީމް އޭޑީކޭއަށް ދިއުމަށް ސައިކަލަށް އެރި ވަގުތު ދިމާވި މީހެކެވެ. އޭރު ޝަމީމަށް ޙަމަލާއެއް ދީފައިވާކަން ބޭރުފުށުން އޭނާއަށް ފާހަގަވެފައި ނެތްކަމަށާއި، އޭނާވެސް ޝަމީމަށް ގޮވާލުމަށްފަހު އެނބުރި ދިޔައީކަމަށް ކިޔާދިނެވެ.
ދެން ހާޒިރުވީ މި މައްސަލައިގެ މެޑިކޯ ލީގަލް ރިޕޯޓާ ގުޅޭގޮތުން ހާޒިރުވި ހެކިވެރިއެކެވެ. އޭނާ ކިޔާދިން ގޮތުގައި ޝަމީމަށް ޙަމަލާދީފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެނެއްނޫނެވެ. އެގޮތުން ޝަމީމަށް ލިބިފައިވާ އަނިޔާއަކީ އެއްޗަކުން ބާރަށް ޖެހުމުގެ ސަބަބުން ލިބިފައިވާ ”ބްލަންޓް ފޯސް ޓްރައުމާ“ އެއްކަމަށް ޑޮކްޓަރު ކިޔާދިނެވެ. އަދި ޖެހުނު ދިމާލުން ފަޅައިގެން ގޮސްފައިވާކަން ފާހަގަކޮށް ހެކިވެރިޔާ ބުނީ، އެފަދަ އަނިޔާއެއް ބޮލަށް އަމާޒުވިނަމަ އެމީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު އަނިޔާއެއް ލިބުން އެކަށީގެންވާ ކަމަށެވެ.
އެހެންނަމަވެސް ޝަމީމްގެ އަތަށް ލިބިފައިވާ އަނިޔާއަކީ މީހަކު މަރުވެދާނެ ފަދަ އަނިޔާއެއް ނޫންކަމަށްވެސް ދިފާއުން ކުރި ސުވާލަށް ޖަވާބުދެމުން ހެކިވެރިޔާ ކިޔާދިނެވެ.
ދިފާއީ ވަކީލު ވިދާޅުވީ، ދައުވާލިބޭ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުނުކަމުގެ ކުށުގެ ދައުވާކަމަށާއި، އެ ދައުވާ އުފުލާފައި މިވަނީ ޝަމީމްގެ ބޮލަށް ޙަމަލާ އަމާޒުވިނަމަ ޝަމީމްގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ބަލައިގެން ކަމަށެވެ.
ދެން ހާޒިރުކުރީ މި މައްސަލައިގެ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރުކުރެއްވި ޑޮކްޓަރެވެ. އޭނާއަކީ ޝަމީމަށް އީއާރްގައި ފުރަތަމަ ފަރުވާދެއްވި ޑޮކްޓަރެވެ. އޭނާވެސް ވަނީ މެޑިކޯ ލީގަލް ރިޕޯޓުގައި ބަޔާންކުރައްވާފައިވާ ކަންކަމާ ގުޅޭގޮތުން ހެކިބަސް ދީފައެވެ. އެގޮތުން ޑޮކްޓަރު ކިޔާދިން ގޮތުގައި ޝަމީމަށް ލިބުނު ޙަމަލާގެ ސަބަބުން އޭނާގެ ކަށިގަނޑުގައި ރެނދުލާފައިވާކަން އެކްސްރޭއިން ސާފުކޮށް ފެނެއެވެ.
މި މައްސަލައިގައި ދައުލަތުން 7 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެއީ ޝަމާލް ހުސައިން (21 އ)، މުސްތަރީގެ، ތ. ގާދިއްފުށި، ޒަޔާން ނަސީރު (23 އ)، ކެމީހިޔާ، އދ. މާމިނގިލި، އަބާން އަބްދުލްހައްނާން (23 އ)، ރުވާ، ތ. ދިޔަމިގިލި ރަޖުވާން ލަތީފު (22 އ)، މުރިނގު، ލ. މާމެންދޫ، މިދުހަތު އާދަމް (24 އ)، ރިވެލި، ރ. އަލިފުށި، މުހައްމަދު ޖަޒްލާން (22 އ) ތުނޑި، ޖަވާހިރުވިލާ، ލ. ގަން އަދި އަހުމަދު މައިސާން ހާޝިމް (20 އ) ދަފުތަރު ނަންބަރު ދރ. 2247، ކ. މާލެއެވެ.
ދައުވާލިބޭ އެންމެންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

