ލ. ގަމުން ލ. ފޮނަދޫއަށް ސައިކަލުގައި ދަތުރުކުރަމުންދިޔަ އަންހެނަކަށް ފުރައްސާރަކޮށް، އުނދަގޫކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ހަވީރު 18:34 ހާއިރުއެވެ.
ފުލުހުން މީޑިއާތަކަށް ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ލ. ގަމުން ލ. ފޮނަދޫއަށް ސައިކަލުގައި ދަތުރުކުރަމުންދިޔަ އަންހެނަކާ ދިމާލަށް ދެ ފިރިހެނަކު އުނދަގޫކޮށް، ފުރައްސާރަކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލައިގައި އެ ދެ ފިރިހެނުން ވަނީ އަންހެން މީހާގެ ފޯނު ގަދަކަމުން އަތުލަން މަސައްކަތްކޮށް، އޭނާގެ ހެލްމެޓު ނަގައި ވަލުތެރެއަށް އުކާލާފައެވެ.
މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރަމުން، އަނިޔާ ލިބުނު އަންހެން މީހާ ބުނެފައިވަނީ އެ ދެ ފިރިހެނުން ވަރަށް ގިނައިރު އޭނާގެ ފަހަތުން ދުއްވާފައިވާ ކަމަށެވެ. އަދި އޭނާ އެ ހާދިސާ ވީޑިއޯ ކުރަން މަސައްކަތްކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުންގެ ފަރާތުން މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

