ސެނެހިޔާ ބިތްދޮށް މަގުން ސައިކަލެއްގައި ދިޔަ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމު ކޮށްލި މައްސަލައިގައި ދެމީހުން ހައްޔަރުކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިމަހު 15 ވަނަ ދުވަހުގެ ހެނދުނު 8:17 ހާއިރުއެވެ.
މިކަމާއި ގުޅޭ މައުލޫމާތު ދިނުމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ސަފްވާން ޒުފްރަތު 29، ހ. ރޯޒްލޭންޑު، މާލެ އާއި އަލީ ނާޝިދު 34، އުދަރެސް، ށ. ފޭދޫ ކަމަށެވެ.
ސަފްވާން ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކަމަށް ފުލުހުން ބުންޏެވެ. އަދި އަލީ ނާޝިދު ހައްޔަރު ކުރީ ޖެހިގެން އައި އަންގާރަ ދުވަހުގެ މެންދުރުފަހުއެވެ.
ދެމީހުންގެ ބަންދަށް ވެސް ފަސް ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ މުއައްސަސާގެ ގޭންގް ކްރައިމް އިންވެސްޓިގޭޝަންސް ޑިޕާޓްމެންޓުންނެވެ.

