ކޮންޓްރެކްޓަރުންގެ މިހާރުގެ ދަތި ހާލަތު މެދުވެރި ކުރުވީ މިހާރުގެ ސަރުކާރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ސައުދުﷲ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކޮންޓްރެކްޓަރުންގެ މިހާރުގެ ދަތި ހާލަތަކީ މިއަދުގެ ސަރުކާރުގެ ސަބަބުން މެދުވެރިވި ކަމެއް ނޫން ކަމަށާއި ރާއްޖޭގެ މުސްތަގުބަލަށްޓަކައިވެސް މިކަން މެދުވެރިވި ސަބަބުތައް ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ދިރާސާކޮށް ބަލަން ޖެހޭ ކަމަށެވެ.
ކޮންޓްރެކްޓަރުންނަށް ދަތި ހާލަތެއް މެދުވެރިވި ސަބަބުތަކާ ގުޅޭ ގޮތުން ސައުދުﷲ ވަނީ ސުވާލުތަކެއް އުފައްދަވާފައެވެ. ގައުމަށް ލިބޭ އާމްދަނީއަށްވުރެ ޚަރަދު ބޮޑުވެގެންތޯއާއި، ގައުމަށް ލިބޭ އާމްދަނީއަށްވުރެ ދައްކަން ޖެހޭ އެއްޗެއް ބޮޑުވާ ގޮތަށް ނަގާފައިވާ ލޯނުތަކުގެ ސަބަބުންތޯއާއި، ދައުލަތުގެ މާލިއްޔާއިން ކޮށްފައިވާ ވައްކަމާއި ހިންގާފައިވާ ކޮރަޕްޝަނާއި އިސްރާފު ބޮޑުވެގެންތޯއާއި، ކޮވިޑް-19 ގެ ސަބަބުންތޯއާއި، ގައުމު މެނޭޖްކުރަން ނޭނގިގެންތޯއާއި އަދި ކޮންޓްރެކްޓަރުން/ރައްޔިތުންގެ މައްސަލައަކުންތޯ ސައުދުﷲ ވަނީ ސުވާލު އުފައްދަވާފައެވެ.
މި ސުވާލުތަކުގެ ޖަވާބު ވަރަށް ސާފުކޮށް އެނގުމަކީ ގައުމުގެ މުސްތަގުބަލަށް ވަރަށް މުހިންމު ކަމެއްމެއްކަމަށް މެންބަރު ވިދާޅުވިއެވެ. ސައުދުﷲ ވަނީ ޕްރޮޖެކްޓުތަކުގެ މަސައްކަތްތަށް ހުށައަޅާ ބިލްތަކަށް ފައިސާ ނުލިބި ނުވަތަ ލަސްވުމުގެ ސަބަބުން ކޮންޓްރެކްޓަރުންނަށް މިހާރު ދިމާވެފައިވާ މައްސަލަތައްވެސް ހިއްސާކުރައްވާފައެވެ.
އޭގެތެރޭގައި:
- މީރާއަށް ފައިސާ ނުދެއްކިވާތީ ޓެކްސް ކްލިއަރެންސް ރިޕޯޓް ނުލިބިގެން ބިޑްތަކަށް ކުރިމަތިލެވޭނެ ގޮތެއް ނެތުން.
- ސައިޓުގައި މަސައްކަތް ނުކުރެވި ޕްރޮޖެކްޓުގެ މުއްދަތު ހަމުވުމުގެ ސަބަބުންނާއި ޕާފޯމަންސް ގެރެންޓީ އާއި އެޑްވާންސް ގެރެންޓީގެ މުއްދަތު ހަމަވެފައިވާތީ ބިލްތައް ޕްރޮސެސް ނުކުރެވުން.
- މުވައްޒަފުންނަށް އެތައް މަހެއްގެ މުސާރަ ނުދެވި އެނބުރި ގައުމަށް ދާން ބޭނުން މީހުންނަށް ނުފުރި، އެމްބަސީތަކުން ކުންފުންޏަށް އިންޒާރުދީ ފިޔަވަޅު އެޅުން.
- މީރާއަށް ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާވެ ފިޔަވަޅު އަޅައި ހިދުމަތް މެދުކެނޑިފައި އޮތުން.
- ފައިސާ ނެތުމުގެ ސަބަބުން ކްރެޑިޑަށް މުދާ ނަގާފައިވާ ފަރާތްތަކަށާއި ކޮށްފައިވާ ދަތުރުތަކަށް ފައިސާ ނުދެވުން.
- އިންޝުއަރެންސް ހަދައި ފައިސާ ނެތުމުން އެ ޚިދުމަތް ހުއްޓި، އެފަރާތްތަކަށް ދޫކޮށްފައިވާ ޗެކްތައް ބައުންސްވުމުގެ. ސަބަބުން ގާނޫނީ އެކިކަންކަމާއި ކުރިމަތިލާންޖެހި ކޯޓުތަކަށް ދާން ޖެހުން.
- ބިލްތައް ނުދައްކާތީ ގޭގެއިންނާއި އޮފިސްތަކުން ނިކުންނަން ޖެހުން ހިމެނެއެވެ.
މީގެއިތުރުން ރާއްޖޭގައި ހުރި ބައެއް ބޭންކުތަކުން ކުރިން ދެމުންދިޔަ އެކިއެކި ލުއިތައް ދިނުން ހުއްޓާލާ ކަންކަން ހަރުކަށިކޮށް ދަތި ބޮޑު ކޮށްފައިވާކަން ކޮންޓްރެކްޓަރުން ވަނީ ފާހަގަކޮށްފައެވެ.

