އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިނގާ ޖިނާއީ ތަޙުޤީޤުތައް އެކަށީގެންވާ އަވަސްމިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައިސްފައިވާކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން ބުނީ، މިކަން ޕްރޮސިކިއުޓަރ ޖެނެރަލް ބެއްލެވިއިރު، ދިވެހި ދައުލަތާއި ޢާންމު ރައްޔިތުންގެ މަޞްލަޙަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ހިމެނޭގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގާ ޖިނާއީ ތަޙުޤީޤުތައް ލަސްވެ، ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައާއި، އެފަދަ މައްސަލަތަކުގައި ދައުލަތާއި ޢާންމު ރައްޔިތުންގެ މަސްލަޙަތުތަކަށް އުނިކަން އަންނަމުންދާކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މި ސަބަބަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި، އެ މާއްދާގެ (ފ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ އެންމެހައި ޖިނާއީ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައްވައި، އެ އިރުޝާދަށް 26 ޖަނަވަރީ 2025 ވީ އާދީއްތަ ދުވަހުން ފެށިގެން ޢަމަލުކުރުމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އަމުރު ކުރައްވާފައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމުރުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މައްސަލައާއި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި ޢާންމު ފަރުދުންގެ މަޞްލަޙަތާ ގުޅުންހުރި ޚިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަޙުޤީޤު، ޚާއްޞަ ސަމާލުކަމެއްދީގެން އަވަހަށް ހިންގައި، ޕްރޮސިކިއުޓަރ ޖެނެރަލް ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އެ އޮފީހަށް ހުށަހެޅުމަށް އަމުރުކުރައްވާފައިވެއެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްސަލަތައް އަވަސްކޮށް، ހަރުދަނާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ނެރުއްވާފައިވާ އިރުޝާދަކީ އެ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ ހުރިހާ މައްސަލަތައް އެ އޮފީހަށް ހުށަހެޅުމުގައި، ޢަމަލުކުރަންޖެހޭނެ އިރުޝާދެކެވެ.
މި އިރުޝާދުގެ ބޭނުމަކީ، އެ ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކުގެ ތަޙުޤީޤު އަވަސްކުރުމުގެ އިތުރުން، ތަޙުޤީޤުތަކުގެ މަރުޙަލާތައް ކުރިއަށްގެންދާނެ ސިސްޓަމިކް ގޮތްތަކެއް ކަނޑައެޅުމާއި، ޖިނާއީ މައްސަލަތައް ބަލާ އެކިއެކި އިދާރާތަކުން ހިންގާ ތަހުޤީޤުތަކުގެ ޔުނީފޯމިޓީ ކަށަވަރުކުރުންކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އޭގެ އިތުރުން، ތަޙުޤީޤުގެ ކުރީ މަރުޙަލާއިން ފެށިގެން އެ އޮފީހުގެ ލަފާ ހޯދަން އިތުރަށް ފަސޭހަކޮށް، އެކަމާގުޅޭ އިންތިޒާމުތައް ހަމަޖެއްސުމަކީވެސް މި ބަދަލުގެ މަޤްސަދެކެވެ.
ކޮރަޕްޝަންގެ ވަބާ ރާއްޖޭގައި ކުޑަކޮށް، ކޮރަޕްޝަން ފަދަ ކުށްތައް ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށް ޤާނޫނުން މަތިކޮށްފައިވާ މުއައްސަސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނަމަވެސް، އޭސީސީގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ނުކުރާ ކަމުގެ ޝަކުވާއަކީ އާންމުން ކުރަމުންދާ ޝަކުވާއެކެވެ.
އެގޮތުން ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ޚިޔާނާތުގެ ގޮތުގައި މީހުން ސިފަކުރާ އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ މައްސަލައިގެ ތަހުޤީޤުވެސް އަދިވެސް އޭސީސީން ކުރިއަށްދާއިރު، އެ މައްސަލައަށްވެސް އެތައް އަހަރެއް މިދަނީ ވަމުންނެވެ. އޭރު އެ މައްސަލައާ ގުޅޭ ތަހުގީގު ރިޕޯޓު ނެރުން ލަސްވުމުގެ ސަބަބުން ކޮމިޝަނަށް އެތައް ފާޑުކިޔުމެއް އަމާޒުވެފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން އެ މައްސަލައިގެ ތަހުޤީޤު ރިޕޯޓް އާންމު ކުރާނެކަމަށް ތަކުރާރުކޮށް އޭސީސީން ބުނަމުން ދިޔަ ނަމަވެސް، ރިޕޯޓް އާންމު ކުރެވުނީ އޭގެ 4 އަހަރު ފަހުންނެވެ.
2008 ވަނަ އަހަރު އޭސީސީ ވުޖޫދުވި ފަހުން މިހާނަތަށް އެތައް މައްސަލައެއް އޭސީސީއަށް ހުށައެޅިފައިވާއިރު، އެ މައްސަލަތަކުގެ ތެރެއިން ތަހުޤީޤު ނިންމައި އޭސީސީން ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައިވާ މައްސަލަތައް ނިސްބަތުން މަދެވެ.
ފާއިތުވި އަހަރުތަކުގައި ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން، ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން ހޯދަންޖެހޭ މިންވަރު ރެކޯޑު އަދަދުތަކަށް އަރާފައިވާއިރު، މައްސަލަތައް ލަސްވުމުގެ ސަބަބުން އެކަންކަމުގައިވެސް ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ.

