އިންޑިއާގެ ސަރުކާރުން ދިވެހި ސަރުކާރާއި ދެމެދު ބަހައްޓަވާ ގާތްކަމާއި ދެމުންދާ އެހީތެރިކަމުން ދެ ގައުމުގެ ދެމެދު އޮތް ރަހުމަތްތެރިކަން ހާމަކޮށްދޭކަމަށް ހާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުސާނަބާގައި ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ ހަލީލްވަނީ އެ ގައުމުގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓަރ ޑރ ސުބްރަމާނިޔަމް ޖައިޝަންކަރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ. މިނިސްޓަރ ވިދާޅުވީ، މި ދުވަހުގެ މުނާސަބާއި ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން އެ ގައުމުގެ ރައްޔިތުންނާއި ސަރުކާރަށް ހެޔޮ އެދުންތައް އަރިސްކުރައްވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އެ ގައުމަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީކަމަށާއި އެ ހައިސިއްޔަތުން އިންޑިއާއަކީ މުޅި ދުނިޔެއަށް ހިތްވަރަކަށް ވެގެންދާކަމަށެވެ. އަދި ޑިމޮކްރެސީގެ މައިގަނޑު އަސާސަކީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުންކަމަށް ހެދިދާނެ ގަތުގެ ލާމަސީލު މިސާލު އެ ގައުމުން މުޅި ދުނިޔެއަށް ދައްކަމުންދާކަމަށްވެސް ފާހަގަކުރެއްވިއެވެ.
ހަލީލް ވިދާޅުވީ، ޑިމޮކްރެސީގެ އުސޫލުތައް ދެމެހެއްޓުމާއި އެކަމާއި ގުޅޭ މުއައްސަސާތައް ބިނާކޮށް ހަރުދަނާކުރުމަށްޓަކައި އިންޑިއާ އަކީ ދިވެހިރާއްޖެއަށް ނަމޫނާއަކަށް ވެގެންދާކަމަށެެވެ. އަދި އެ ގައުމުން ރާއްޖޭގެ ސަރުކާރާއި ދެމެދު ބަހައްޓާ ގާތްކަމާއި ފޯރުކޮށްދެމުންދާ އެހީތެރިކަމުން ދެ ގައުމުގެ ދެމެދު އޮތް ގާތް ރަހުމަތްތެރިކަން ފެނިގެންދާކަމަށާއި ރާއްޖެއަށް ކުރިމަތިވި ކޮންމެ ދަތި ހާލަތެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ދީފައިވަނީ އިންޑިއާއިންކަމަށެވެ. އެހެންކަމުން އެކަމުންވެސް ޒަމާނުއްސުރެ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުވެސްވަނީ މި މުނާސަބާގައި ސޯޝަލްމީޑިއާ މެދުވެރިކޮށް މެސެޖެއް ފޮނުއްވާފައެވެ. ރައީސް ވިދާޅުވީ، ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް އިންޑިއާގެ ދެމެދު އޮތް ވަރުގަދަ ގުޅުމާއި އެކުވެރިކަމުގެ އަގުވަޒަންކުރާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދެގައުމުގެ ދެމެދު ގުޅުން ބިނާވެފައިވަނީ އިތުބާރާއި އިހުތިރާމް އަދި ވިސްނުންތެރިކަމާއިއެކު އަނެއް ގައުމާއިމެދު އަމަލުކުރުމުގެ މައްޗަށްކަމަށެވެ.

